އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތު ރާތިޝް އާއި ގުޅޭގޮތުން "ދިޔަރެސް" ގައި ލިޔުނު ރިޕޯޓެއްގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅީ އެކައުންސިލަށް މައްސަލަތައް ހުށަހަޅަން ޖެހޭ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް ވާތީ މައްސަލަ ނުބަލަން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އޮތް މީޑިއާ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ މަޖިލީހުން އެމްއެމްސީ އަށް ހުށަހެޅި މައްސަލައިގައި އެމްއެމްސީ އިން އަމަލުކުރާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެމަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދުގައި އަދި މައްސަލަތައް ބެލުމުގެ އުސޫލާއި އެއްގޮތައް އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅައިފިނަމަ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް މިހާރު މައްސަލަ ހުށަހަޅާފައި ވަނީ އޮންނަ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށް ނުވާތީ އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް އަންގަން މީޑިއާ ކައުންސިލުން ވަނީ ނިންމާފައެވެ.

މީޑިއާ ކައުންސިލުން މިއަދު ނިންމި ނިންމުމާއި ގުޅޭ ގޮތުން އެކައުންސިލްގެ ބަހެއް ހޯދަން ކައުންސިލްގެ ރައީސް ޝަހްބާން ފަހްމީއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ ކައުންސިލްގެ ބަހެއް ނުލިބުނެވެ.

ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތު ރާތިޝް އާއި ގުޅޭ ގޮތުން "ދިޔަރެސް" ގައި ރިޕޯޓެއް ލިޔުމުން އޭނާ ވަނީ އެމައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމްގެ ސަމާލުކަމަށް ގެންނަވާފައެވެ. އެއާއިއެކު ރޮޒައިނާ ވަނީ އެމައްސަލަ ބެއްލެވުމަށް މީޑިއާ ކައުންސިލްގެ އަރިހުން އެދިފައެވެ.

ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިނުކޮށް ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތު ރާތިޝް ރޮޒައިނާއަށް މައްސަލަ ހުށަހެޅުމުން އޭނާއަށާއި އަދި އެމައްސަލަ ބަލަން ރޮޒައިނާ އެންގުމުން ރޮޒައިނާ އަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޫޓުވާ

    އިންޑިޔާ ސަފީރުގެ ލޯޔަރުތޯ

    11
  2. ލލ

    ބަރާބަރު ހިޔާލު ފާޅު ކުރުމާއި ދުލާއި ޤަލަމުގެ މިނިވަންކަން ނަގާލައިގެން ނުވާނެ އެކަމަށް ހުރަސް އެޅިޔަދީގެންވެސް ނުވާނެ އެނޫނީ، މިނިވަން ކަން ގެއްލިދާނެ !

  3. ސސ

    ތިޔަކަމުގައިވާ ފުރަތަމަ ގޮތަކީ ބޭރުގެ އެމްބަސީގެ މުވައްޒަފަކަށް ތިޔަގޮތަށް ރަސްމީކޮށް މަޖިލިހަށް ނުވެސް ފޮނުވޭނެ، އެމްބަސީގެ ރަސްމީ ލެޓާ ދާންޖެހޭނީ ފޮރިން މިނިސްޓުރީއަށް .
    ދެވަނަކަމީ އެމްބަސީގެ މުވައްޒަފެއްގެ ޕާސަނަލް ޒާތީ މައްސަލައެއް ވެއްޖެއްޔާ ޕޮލިސް ސާރވިސް މެދުވެރިކޮށް މައްސަލަ ބެލުން .
    މީޑިޔާކައުންސެލް ރަގަޅު .

  4. ސލ

    މީޑިއާ ކައުންސިލްގެ ނިންމުން ރަނގަޅު މަ ރުޙަބާ!
    ދުލާއި ގަލަމުގެ މިނިވަންކަން ދެމި އޮންނަންޖެހޭ!