ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއްވެސް ސިޔާސީ ޕާޓީއެއްގެ އާންމު މެންބަރުން އެދެމުންދާ މިންވަރެއް ލިބެމުން ނުދާ ކަމަށް އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިމްރާން ވިދާޅުވީ ތަފާތު ފަލްސަފާތަކެއް ހިމެނޭ ހަތަރު ސިޔާސީ ޕާޓީއެއް ގުޅިގެން ސަރުކާރު ހިންގާއިރު، އެއިން ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ބޭނުންވާ ހުރިހާ ކަމެއް އެ ގޮތަށް ބައްޓަން ނުވެދާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވާ އިމްރާން ވިދާޅުވީ ސަރުކާރުގައި ހިމެނޭ ހަތަރު ޕާޓީން ކުރެ އެއްވެސް ޕާޓީއަކުން އެ ޕާޓީގެ އާންމު މެންބަރުން ބޭނުންވާ މިންވަރެއް ނުލިބޭ ކަމަށެވެ. ތަފާތު ފިކުރުތަކުގެ ބަޔަކު މަސައްކަތް ކުރާއިރު މި ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދާލަތު ޕާޓީގައި ވެސް ނުތަނަވަސް ކަމެއް އެބަ ހުރި، އެ ކަންކަން ހުރެމެ އަޅުގަނޑުމެން އެބަ ޖެހޭ ތަފާތު ފިކުރުތަކާ އެކު ވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަން ދައްކަން، ނޫނީ އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް،" އިމްރާން ވިދާޅުވިއެވެ.

2011 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އިމްރާން ވިދާޅުވީ މި ސަރުކާރު އުފެދިގެން އައީ ސިޔާސީ ޕާޓީތަކާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އެތައް ގޮންޖެހުމެއް ކުރިމަތިކޮށްފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

ހަތަރު ސިޔާސީ ޕާޓީ ހިމެނިގެން ސަރުކާރެއް އުފައްދަން ޖެހުނު ސަބަބަކީ ވެސް ގައުމީ އެއްބައިވަންތަ ކަމާއި ގައުމީ މަސްލަހަތު ވަރަށް ބޮޑަށް އިސްކޮށްގެން ރައްޔިތުންނަށް ކާމިޔާބު ކޯލިޝަން ސަރުކާރެއް ގެނެސްދޭން ޖެހިފައި އޮތުމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެންމެ މުހިއްމު ކަމަކަށްވީ އެއްބައިވަންތަ ކޯލިޝަން ސަރުކާރެއް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުން، އެހެންވެ މި ސަރުކާރު ދެމެހެއްޓުމަކީ އަދަލާތު ޕާޓީގެ ކޮންމެ މެންބަރެއްގެ ކޮނޑުގައިވާ ޒިންމާއެއް، އެކަން އަދާލަތު ޕާޓީގެ މެންބަރުން ޤަބޫލު ކުރާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ޕާޓީތަކާއެކު މަސައްކަތް ކުރަން ރައީސް ސޯލިހް ދެމިހުންނަވާހާ ހިނދަކު މި ސަރުކާރުގައި އަދާލަތު ޕާޓީ ދެމިއޮންނާނެއެވެ. މިހާތަނަށް ޚިޔާލު ތަފާތުވި ގިނަ މައްސަލަތަކުގައި ވެސް ރައީސް އިސްކޮށްފައި ވަނީ މަޝްވަރާގެ އުސޫލު ކަމުގައި އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އުގުރި

    ތަފާތު ފިކުރޭ، އެބައި ވަންތަ ސަރުކާރޭ މިހާރު ކިއިދާނެ މާދަމާ ވެސް ފަސްގަނޑު ދަށަށް ދިޔާމަ ، ތިވަރު މަގާމެއްގައި ހުރެ ކަލޭ ކަލޭގެ ދީނަށްޓަކައި ކުރީ ކޮންކަމެއް ތޯ ސުވާލު ކުރާނެ، އޭރުން ކިޔާތި ތަފާތު ފިކުރޭ، އެބައި ވަންތަސަރުކާރޭ.

    15
  2. ޒާ

    އިމްރާން ބޭނުންވާ މަގާމު ލިބުމުން އިމްރާން ހުރީ ފުދިފަ. އެހެންވީމާ ޕާޓީމީހުން ކޮންމެ ހާލެއްގައި އުޅުނަސް އޭނާއަށް އެކަން ކަމުދޭ. އެހެންވެ އެގޮތަށް ވާހަކަ ދައްކަނީ. ތިމާއަށް ކެވުނީމާ ހިތްހަމަޖެހިފައެހެރީ.

    14
  3. ސސ

    2018 ގައި ބޭއްވުނު އިންތިހާބުގައި ބޮޑު ކޯލީޝަން އިއްތިހާދުން ރައްޔިތުންގެ އެންމެ ބޮޑު ނިންމުމަކީ ގޯސްކަންކަން ނުކުރުން ގޯސްކަމެއްވެސް ނުކުރުން ހެޔުކަން ކަމަށް ގޮވާލާ މުންކަރާ މަނާކުރުން ، ސުލްހަވެރި ތާހިރު ދިރިއުޅުމެއް އުޅުން ، ދިވެހިރާއްޖެ އިސްލާމީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތުން، ޤައުމުގެ އިސްތިޤުލާލް ސިޔާދަތު ވިއްކާ ނުލުން !

  4. ވާނޖނަ

    ކަލޭ ލަދުވެސް ނުގަނެއޭދޯ

    15
  5. ލާހި

    މިޤައުމު ބިނާވާން ޖެހޭނީ ބޮޑުތަކުރުފާނުގެ އަސާސުގެ މަތީގައި؛
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން
    3/ ދިވެރި ރާއްޖެއަކީ އިސްލާމީ މިނިވަން މުސްތަޤިލު ޤައުމެއް
    4/ ދިވެހިންގެ ބަހަކީ އަރަބި ތާނަ ދިވެހިބަސް

    12
  6. ާަެެައބދ

    މިކަހަލަ ވަޒީފާ ލިބުނީމަ އޯކޭވާ ކުޑަކޮއް އަރަބި ބަސް ދަންނަ ޚިޔާނާތްތެރިންނަކީ އިސްލާމީ ގައުމުތަކައް މާބޮޑު މުސީބާތެއް. ވަޒީފާ ލިބުމުގެ ކުރީގަ ރާ ރިބާ އިޒުރޭލު ދޮގުހެދުން ޚަޒާނާ ލޫޓުވުން އަދުލުވެރިނުވުން ހަރާންވާނެ ލިބުނީމަ މިބުނި ހުރިހާކަމެއް އިތުރައް ފުޅާކޮއްފަ ކުރާކަމަކައް އެއްބަސް ނުވާނެ.

  7. ހަސަދު

    ސަރުކާރެއް ކޯލިޝަން އަކުން އައަސް ސަރުކާރަކީ ބޯކިބާ ފަޅާ އުސޫލުން ބައި އަޅާ ތަނަކަށް ވެގެން ނުވާނެ. ދިވެހި ރާއްޖޭގައި ގިނަ މަސައްލަ ތަކުގެ ތެރެއިން ބޮޑު އެއްމައްސަލަ ބައިއެޅުން. ނާގާބިލް މީހުން ޑިސިޝަން މޭކިންގައި ތިބުން.

  8. ޝީނާ

    ހައްގު މިންވަރު ނުލިބުނު ދޯ ކަލޯ! ހައްހައް

  9. ކުޑޭ

    ކަލޭ އަނގަފުޅާކުރާކައް ލަދެއްވެސް ނުގަނޭތަ ކަލެޔާ ކަލެއައްވާގި ވެރިވާ ކަލޭގެ އައުވާނުން ބޭނުންވީ މަތީ މަގާމު
    އެކަން ލިބުމައްފަހު ކޮންމެ ކަމެއް ކޮންމެ ގޮތަކައް ކުރިޔަސް އަނގައިން ނުބުނާނެ އެހެން ވެގެން އެއްވެސް ސަރުކާރަކުން މިހާތަނައްވެސް ކުރިއެރުމެއް ކަލޭމެންނައް ނުލިބުނީ މުނާފިޤުކަމުން އެކަން ރަނގަޅައް އެނގޭތީ