ގެވެށި އަނިޔާގެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް އެކަނި ހައްލު ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ އެހެން ވިދާޅުވީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ޔޫއެންއެޕްޕީއޭ އާއި ޖެންޑާ މިނިސްޓްރީން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ ފަހު އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.

ވީޑިއޯ މެދުވެރިކޮށް ދެއްވި މެެސެޖެއްގައި ފަޒްނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.

ދަރިފުޅަށް ހަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ ނޫންނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއްނަމަ ފުލުސް އޮފީހުންނާއި، ހޮސްޕިޓަލުން ޢަމަލުކުރަން އޮންނަނީ ކިހިނެއްތޯ، މިފަދަ މަޢުލޫމާތު މީހުންނަށް އެނގި ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެނަމަ އެމީހުން ބާރުވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނާކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ނަމަވެސް ފަސްޓް ލޭޑީގެ ނަޒަރުގައި މިނިސްޓްރީން އެކަން އެކަނި ކުރުމުގެ ބަދަލުގައި ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ވެސް މިފަދަ މައުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމެވެ.

ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިޙްތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އަޅުއްވަމުންނ ފަޒްނާ ވަނީ، ކުދިންގެ ނުވަތަ ބޮޑެތި މީހުންގެވެސް އަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ.

ސާސްތްރަ ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަން ކަމަށް ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކައި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ގައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ 'ޑޮމެސްޓިކް ވައިލެންސް' އާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކަށްވީ ގެވެށި އަނީޔާ އާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞޯބިރާއްކޮ

    ހާދަ ދަތްކުޑި ވިކާފަ ފަޒްނާ

  2. ޅިންކް

    ޥަރަށް ރަނގަޅު ވާހަކައެއް، ގައުމުވެސް މިސަރުކާރަށް އެކަނި ނުހިންގޭނެ

  3. ޑރ. ރާމީ ހަސަން މަނިކު ވައިނުޖެހޭގެ

    (1) އަހަރުމެން ޤައުމު ހިންގަން ޙަވާލު ކުރީ ފަޒުނާ އަކާއި ނޫން. ފަޒުނާ ގެ ފިރިމީހާ އާއި. (2) ވީމާ އަހަރުމެންގެ ޙައްޤަކަށް ނާރާ މަޑުން ހުރެވޭ ތޯ ބަލާ. (3) ވެރި މީހާގެ އަނބިމީގެ ޙައިސިއްޔަތުން ސިޔާސީ ކަންކަމާ ފަޒުނާ ބެހުމަކީ ޤާނޫނީ ގޮތުން ފަޒުނާ އަށް ލިބިގެންވާ ޙައްޤެއް ނޫން.