ގްރޭޑް ނުވައެކުން މަތީ ދަރިވަރުންގެ ޓެކްސްޓް ފޮތްތައް އުފުލަން ނުޖެހޭ ގޮތަށް، އެ ފޮތްތައް ޑިޖިޓަލް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ގްރޭޑް ނުވައެކުން މަތީގެ ދަރިވަރުންނަށް ޑިޖިޓަލް ފޮތްބައި މެދުވެރިކޮށް ކިޔަވައިދޭން ނިންމާފައިވަނީ މިގްރޭޑްތަކުގެ ދަރިވަރުންގެ ފޮތް ބަޔަކީ ބަރު ފޮތް ބަޔަކަށްވުމުން އެ ހިފައިގެން ސްކޫލަށް ދާ ދިއުމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ޓެކްސްޓް ފޮއިތަކުގެ ބަދަލުގައި ނުވައެއް، 10، 11 އަދި 12 ގެ ދަރިވަރުން ކިޔަވާނީ ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެކަމަށް ބޭނުންކުރާ އެކި ޕްލެޓްފޯމްގައި ދަރިވަރުން ކިޔަވާ މާއްދާތަކުގެ ކޮންޓެންޓް ހިމެނޭނެ ކަމުގައި އެ ވުޒާރާއިން ވިދާޅުވެއެވެ.

ކެމްބްރިޖް އޯލެވެލް ހަދާ ދަރިވަރުން ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުންކުރުމަށް ކޮންމެ ދަރިވަރަކަށްވެސް ކެމްބްރިޖް ލޮގިންއިން އެއް ދޭނެ ކަމަށްވެއެވެ. އަދި އޭލެވެލް ހަދާ ދަރިވަރުންނަށްވެސް ޕިއަސަންގެ ލޮގިންއެއް ލިބޭނެއެވެ. ނަމަވެސް ޗާޕްކޮށްފައި ހުރި ފޮތްތައް ސްކޫލްތަކުގެ ލައިބްރަރީގައި ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ އަހަރުތެރޭގައި ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދިި ރާއްޖޭގެ 50 ސްކޫލަކުން ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދެމުން ގެންދާ ކަމަށް އެޑިކޭޝަނުން ވިދާޅުވެފައިވެއެވެ.

ގްރޭޑް ތިނަކުން މަތީގެ ދަރިވަރުންނަށް ސަރުކާރުން ޓެބްލެޓް ފޯރުކޮށްދީފައިވާ އިރު ޓެބްލެޓް ނެތް ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދާދިފަހުން ވިދާޅުވިއެވެ. އެގޮތުން 1500 ޓެބްލެޓް މިހާރުވެސް ލިބިފައިވާ ކަމަށާއި، ސްކޫލްތަކުގައި ކިޔަވައިދިނުން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ސްކޫލްތަކުގައި ޑިޖިޓަލް ލައިބްރަރީ ވެސް ތައާރަފްކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

ދަށް ގްރޭޑުތަކުގައި ކިޔަވާ ކުދިންގެ ފޮތްތައް ގިނަވެ، ދަބަސް ބަރުވާ ކަމުގެ ޝަކުވާ އަބަދު ކުރަމުންދެއެވެ. އެ ދަރިވަރުންގެ ޝަކުވާއަށް ހައްލެއް ހޯދައި ދިނުމަށް ފޮތްތައް ރިވައިސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ފޮތްތައް ޑިޖިޓަލް ނުކުރިއަސް ފޮތްތައް ރިވައިސްކުރުމުން ކޮންޓެންޓް ކުޑަވާނެކަން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ.