ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އޭގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކޮށްފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އިއްޔެއެވެ. އެ ތިން މީހުން ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ އެމީހުންގެ ބަންދަށް 40 ދުވަސްވެފައިވާއިރު، އެމީހުން އިތުރަށް ބަންދުގައި ބެހެއްޓޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިނުވާ ަމަށެވެ.

ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެމީހުން ބަންދުން ދޫކުރީ ބަންދުކުރާ މިންވަރަށް ހެކި ލިބިފައިވަނިކޮށް ކަމަށް ވިދާޅުވެ، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު، އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިިވި ފަސް މީހެއްގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ. ނަމަވެސް އަނެއް ހަތަރު މީހުންގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރެއެވެ.

ފުލުހުން ވިދާޅުވި ގޮތުން ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހުން މިފަހަރު ހައްޔަރު ކުރެވިފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އާ ތުހުމަތުތަކަކާ އެކުއެވެ.

ހަރުކަށި ފިކުރު ފަތުރައި ޓެރަރިޒަމްގެ ތުހުމަތަށް އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ވެސް ފަސް މީހަކު މީގެކުރިން ދޫކޮށްލިއެވެ. ނަމަވެސް، އެ އެންމެން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އެންގިއެވެ. އެގޮތަށް އަންގާފައިވަނިކޮށް އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓަށް ދިޔުމުން އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ. ނަމަވެސް، މިހާރު ފުލުހުން ވަނީ އެމީހާ އަނެއްކާވެސް ހައްޔަރުކޮށްފައެވެ.

ނަޝީދަށް ހަމަލާ ދިނީ މެއި ހަ ވަނަ ދުވަހުގެރޭ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނު މީގެކުރިން ޖަރުމަނު ވިލާތުގައި ވެސް ފަރުވާ ހޯއްދެވިއެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހައްޔަރު ކުރެވުނު އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތާއީދު ކުރާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެއްވެސް ހެއްކެއް ނެތި ބަޔަކު ތިގޮތައް ހައްޔަރު ތިކުރަނީ ޝަމީމް އަކީ އެމްޑީއެންގެ ލާދީނީ މީހެއްވީމަ. އިސްލާމްދީން ދެކެ ރުޅި އަންނަ ބަޔަކު ތިއީ

    • ....

      ފުލުހުންނަށް ހީވާ ހީވުން އެއީ ހެއްކެއް ކަމަށާއި ހީ އެއް ނުވަތަ ޝައްކެއް ކުރެވިދާނެ ކޮންމެ ކަމަކީ ހެއްކެއް ކަމަށް ދެކިގެން ކުރިޔަށްދާ ބައެއް ފުލުހުންނަކީ...އެވަރުވީމަ އެއީ ވަރަށް އަންޕްރޮފެޝަނަލް ވީ...ޕްރޮފެޝަނަލް ކިޔަނީ ހީ ތަކާ ޝައްކުތަކުން ދުރުވެ ސީދާ ހެއްކަށް މަސައްކަތް ކުރަން އެނގުނީމަ....އެހާރުން ކުށް ނުކުރާ މީހާއަށް ކުރެވޭ ތުހުމަތުތަކާއި ދެވޭ އަނިޔާތައް ހުއްޓިގެންދާނީ...