ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން އެއް އުއްމަތެއްގެ ގޮތުގައި އޮތް ދިވެހި ގައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.

މި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހެޅުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފައެވެ.

އެ ޖަލްސާގެ އެޖެންޑާގައި ތިން ކަމެއް ހިމަނާފައިވާއިރު، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް އޮތީ އެޖެންޑާގެ އެންމެ ފަހު ކަމެއްގެ ގޮތުގައެވެ.

މަދު ކަމެއް އެޖެންޑާގައި އޮތުމުން މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ތަޅުމަށް ހުށަހަޅައި، ރިޕޯޓް ބަހުސްގެ މަރުހަލާ ނިންމައި ވޯޓަށް އަހާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ނަފްރަތުގެ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެން ހިނގައިދާނެ ކަމަށެވެ. އެއް އުއްމަތެއްގެ ގޮތުގައި އޮތް ދިވެހި ގައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިދިކޮޅުން ބުންޏެވެ.

"ބިލުގެ ސަބަބުން މުޖްތައަމައު އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި އިތުރަށް ނަފްރަތު އުފެދި، ގައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވޭ" އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ދެކޭ ގޮތުގައި ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވައިދު ނެތިގެން ނޫނެވެ. ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވުމުން ކަމަށް އެ ދެ ޕާޓީން ބުންޏެވެ.

އަބަދުވެސް ވަކާލާތުކުރާނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި، ދިވެހިން އުއްމީދު ކުރާފަދަ ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް ކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

"ދިވެހިން ދެކެން ބޭނުންވާ އުފާވެރި މާދަމާއަށް ވާސިލްކޮށްދިނުމުގެ އަމާޒަށެވެ. ދިވެހި ގައުމުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން އިސްކުރުމަށް" ބަޔާން ނިންމާލަމުން އިދިކޮޅުން ބުންޏެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން އާންމުންގެ ގިނަ ބަޔަކުގެ ފާޑުކިއުން އަމާޒުވިއެވެ.

ބިލުގެ މިފަދަ ބައެއް މާއްދާތައް ބަދަލު ކުރަން އާންމުންގެ ގިނަ ޚިޔާލުތަކެއް ކޮމިޓީއަށް ލިބުނެވެ. އަދި އެ ބައިތައް އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަންއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ލަފާ ދިނެވެ.

އޭގެ ފަހުން ޖުޑިޝަރީ ކޮމިޓީން ވަނީ ބިލަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. އެއީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާ އިސްލާހުތަކެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުން އެއީ ޚިޔާލުތަކަށް ރިއާޔަތްކޮށް ގެނައި އިސްލާހުތަކެވެ.

ކޮމިޓީން ގެނައި އިސްލާހުތައް

ބިލަށް ކޮމިޓީން ގެނައި އެއް އިސްލާހަކީ އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހެވެ.

އޭގެ ބަދަލުގައި ވަރަށް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރިއެވެ. މި ގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަމެއްގައި ވަކި ގޮތެއް މީހަކު ނެގުމުން އޭނާ ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ލިޔުނެވެ.

މީގެ އިތުރުން ބިލުގެ ފުރަތަމަ މާއްދާއަށް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެއަށް އަކުރެއް ވަނީ އިތުރުކޮށްފައެވެ. އެއީ ކުށަކަށް ނުވާނެ ގޮތުގެ އިސްތިސްނާ ހާލަތެއް ކަމުގައި ބަޔާން ކުރާ އަކުރެކެވެ.

އެއީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅު ކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުއްދަތުވާނެ އަމަލެއް ކޮށްފިނަމަ އެ ކަމުގެ ތުހުމަތު ކުރުމުގެ ހާލަތެވެ. އެހެންކަމުން އެ ހާލަތުގައި ކާފަރަށް ގޮވުމުގެ ހުއްދަ ލިބޭނެއެވެ.

ޔައުގޫބްގެ ފަރާތުން އިސްލާހުތަކެއް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ ފަރާތުން އިތުރު އިސްލާހުތަކެއް ހުށަހެޅުއްވީ ވެސް ކޮމިޓީން އިސްލާހުތައް ގެނައި މައިގަނޑު މާއްދާތަކަށެވެ.

މި ގޮތުން ޚިލާފް އުފެދިފައިވާ ކަންކަމުގައި ވަކި ރައުޔަތަކަށް މީހަކު ތާއިދޫ ކުރުމުން އިސްލާމީ ޝަޚްސިއްޔަތު ކަތިލާ ގޮތަށް ސިފަ ކުރުމުގެ ކުށަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ އިސްލާމީ ޝަޚްސިއްޔަތަށް އުނިކަން ދީ އޭނާއަށް އަނިޔާވެރިވާން ގޮވާލުމަކީ ކުށަކަށް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    ޤާނޫނު ކޮޑިފައި ކުރުމުގެ އިލްމު ނެތި ކޮޑިފައި ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން މިބައި މީހުނަށް ނޭގެނީބާ !

    4
    2
  2. Anonymous

    މިގައުމުގައި ތަޅާފޮޅުމާއި ލޭއޮހޮރުން ނެތިގެން ނު އެއުޅެނީ.. ގައުމު ބައިބައިކޮށް ހަލާކުކޮށްލުމަށް ގައުމުގެ ހާއިނުން ކުރާކަންތައްތައް

    5
    2
  3. Anonymous

    މޑޕއަށް މަޖުލިސް ދިނުމަކީ ފިރުއަނަށް މުސްލިމުންގެ ފައުޖެއް ދިނުމަށް ނޫނީ ނުވާނެއޭ މަ އޭރުވެސް ބުނިން... ގައުމުގެ ގައްދާރު ހާއިނުން އެޕާޓީ ލީޑް ކުރަނީ... އެމީހުންނަކީ ދީނެއް ގައުމެއް.. އެތިކްސްއެއް، ރެޝަނަލް ތިންކިންގއެއް ބޭނުންކުރާ ބައެއްނޫން. އެމީހުންނަކީ، ގުނބޯތަކެއް.

    7
    1