ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް މާފް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިގްތިސާދީ ކޮމިޓީން އެ ބިލު ދިރާސާކޮށް އެކުލާވާލާފައިވާ ރިޕޯޓަށް މާ ބޮޑު ބަދަލެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީއަކުން ކުރިން ވަނީ މި ބިލް ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ 40 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް މެންބަރަކު ވޯޓު ދެއްވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ޓެކްސް ނެގުން ޚާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނަން ބިލުގައިވެއެވެ.

މީގެ ތެރޭގައި ރައީސްއާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރަ ހިމަނާފައިވެއެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑްރައިވަރު މުސާރަ ވެސް ވަނީ ހިމަނައިފައެވެ.

އެހެންކަމުން މި މުސާރަތަކުންނާއި އިނާޔަތްތަކުން ޓެކްސްއެއް ދެން ނުނަގާނެއެވެ.

ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިތުރު ކޮށްފައިވާ މާއްދާއެއްގައިވެއެވެ.

މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.

އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ އިތުރުން ތަފާސް ހިސާބުތަކުގެ އިދާރާ އުފެއްދުމުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މަޖިލީހުން މިއަދު ފާސްކުރިއެވެ. އިއްޔެ އެ ބިލުތަކަށް ވޯޓަށް ނޭހުނީ ކޯރަމް ހަމަވާ ވަރަށް މެންބަރުން ތަޅުމުގައި ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ހަތަރެސްކަން ހަމަވީއެވެ. ދެން ގާސިމްއާއި ސަރުކާރަށް ތާއިދުކުރާމީހުންގެ ޓެކްސް މާފުވާނެއެވެ. އެނޫންމީހުން އަތުން ޓެކްސްނަގާނެއެވެ.