އޮންލައިންކޮށް މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލު ކުރަން އާންމުންގެ ތެރޭގައި މަގްބޫލް ކަން ހޯދާފައިވާ "ކްލަބް ހައުސް އެޕްލިކޭޝަން" ގައި "ވަގުތު" މީޑިއާގެ ރޫމެއް ހުޅުވައި ކޮންމެ ހޮނިހިރު ދުވަހުގެ ހެނދުނު އެ ރޫމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

"ހަވާސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ. "ކްލަބް ހައުސް" ގައި އޮންނަ އެ ޕްރޮގްރާމް "ވަގުތު" ގެ ފޭސްބުކް ޕޭޖްގައި ވެސް ލައިވް ކުރާނެއެވެ.

މި ޕްރޮގްރާމަކީ "ވަގުތު" ގެ ނޫސްވެރިޔަކާއި ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި "ވަގުތު" އިން ކުރާ ސުވާލުތަކަށް ޕްރޮގްރާމްގެ ބައިވެރިން ޖަވާބު ދެއްވާނެއެވެ. އަދި އާންމުންނަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ފުރަތަމަ އެޕިސޯޑްގައި ބައިވެރިވެވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. މަޖިލީހުގައި އޭނާ ތަމްސީލް ކުރައްވަނީ މެދު ހެންވޭރު ދާއިރާއެވެ.

މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ސިޔާސީ މަސްރަހާއި މަޖިލީހުގައި އާޒިމް މިއަދު އަދާ ކުރައްވަން އޮތީ މުހިއްމު ރޯލެކެވެ. މި އެޕިސޯޑުގައި އާޒިމްގެ ސިޔާސީ ހަޔާތާ ގުޅޭ ގޮތުން މުހިއްމު ގިނަ ސުވާލުތަކެއް އަމާޒުކޮށް އެ ސުވާލުތަކަށް އާޒިމް ޖަވާބު ދެއްވާނެއެވެ.

މިއީ މަޖިލިހުގައި އާޒިމް އިންނަވާ ތިންވަނަ ދައުރެވެ. އޭނާ 2009 ގައި މަޖިލީހަށް ވަޑައިގަތީ ޑީއާރުޕީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވެ. އަދި 2014 އާއި 2019 ގައި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.

މި ތިން ދައުރުގައި ވެސް އާޒިމް ތަމްސީލް ކުރެއްވީ މެދު ހެންވޭރު ދާއިރާއެވެ. އާޒިމްގެ ތާއީދު އެ ދާއިރާގައި ވަރަށް ބޮޑަށް އޮވެއެވެ.

ކުޅިވަރުގެ އާއިލާއަކަށް ނިސްބަތްވާ އާޒިމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ކުރިން ކުޅުއްވި ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އެ ކްލަބްގެ ޗެއާމަން ކަން ވެސް އާޒިމް އަދާ ކުރެއްވިއެވެ.

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް މީގެ ކުރިން އާޒިމް ފުރުއްވި އިރު، އޭޝިއަން ފުޓުބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެކްސްކޯ މެންބަރު ކަން ވެސް އާޒިމް އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނިކުފާނު

    ތިޔައީ ވަރަށް ޑީ ގުރޭޑް މީހެއް މެޖޯރިޓީ ލީޑަރު ހީކުރަނީ އޭނަ ބޭނުންހައި އެއްޗެއް މަޖިލީސްތެރެގޮވީމަ ރައްޔިތުން ވަރަށް ތާއިދު ލިބޭހެން ، މުޅި ގައުމު ހަލާކުކޮށްފި މިބައިގަނޑު، ތީއެއްވެސް އިލްމެއްނެތް ރޯނު އެދުރެއް !

  2. Anonymous

    ދަބަހުގެ ދިޔާ އެއްޗިސް ގެންދާ ވަގު

  3. ަަަަަަަަަައަބުދު

    އާޒިމް ރޮޒޭނާ މަޚުލޫފު އަލީވަހީދު އަލްހާނު ނިހާނު މެންނަކީ ގައުމައް ވަފާތެރިވާނެ މީހުން ކަމުގަ ކުރެވުނު އުއްމީދު އަވާމެންދުރަކައް ވެގެން ހިނގައްޖެ.