ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި އައިއީޑީ ހަރުކުރި ސަައިކަލު، ހަމަލާ ދިން ސަރަހައްދަށް ގެންގޮސް ޕާކްކުރީ ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ކަމަށް ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ މީހުން، އެއްފަހަރަށްވުރެ ގިނަފަހަރަށް ނީލޯފަރު ހިނގުމުގައި ޙަރަކާތްތެރިވެ، ގ.ކެނެރީގެ ސަރަޙައްދު ސަރވެއިލް ކޮށްފައިވާ ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ހަމަލާދިނުމަށްޓަކައި ގޮއްވާލި އައިއީޑީ ހަރުކޮށްފައިވަނީ ސައިކަލެއްގައި ކަމަށާއި އެ ސައިކަލުވަނީ މޭ 5، ވަނަ ދުވަހުގެ ރޭ 8:01 ގައި ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ކަމަށެވެ. އެއަށްފަހު، މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ގައި އައިއީޑީ ގޮއްވާލުމާ ހަމައަށް އެ ސައިކަލު އެ ތަނުގައި ޕާކްކޮށްފައި ހުރިގޮތަށް ހުއްޓެވެ.

މޭ 6، ވަނަ ދުވަހުގެ ރޭ އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަޙްމަދު ރަޝީދު އެ ސަރަޙައްދަށް ގޮސްފައިވާ ކަމަށާއި އަދި، ކުރިން ވެސް މައުލޫމާތު ހާމަވެފައިވާ ފަދައިން އަދުހަމް އަޙްމަދު ރަޝީދު ހުއްޓިހުރީ ނީލޯފަރު ހިނގުން ފެންނަގޮތަށް އަތަމާ ޕެލަސް ގޯޅިތެރޭގައެވެ.

ގޮވާއެއްޗެއް ނުވަތަ ނުރައްކާތެރި އެހެން އެއްޗެއް ވެސް އޮތްތޯ ބެލުމަށް "ސްވީޕް" ކުރާ ޓީމްގެ އެހީތެރިކަން ވެސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ ގްރޫޕަށް އޮންނަ ކަމަށް އެމްއެންޑީއެފް އިން މަޖިލީހުގެ އިންކްއަރީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. ނަމަވެސް އެ މަނިކުފާނު ދިރިއުޅުއްވާ ސަރަހައްދު، ރެންޑަމްކޮށް، ބައެއް ފަހަރު ވެސް ސްވީޕް ކޮށްފައި ނުވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

"ނަޝީދުގެ ގެކޮޅާއި އެ ސަރަހައްދު ގަވައިދުން ނުވަތަ ރެންޑަމްކޮށް، ބައެއް ފަހަރު ނަމަވެސް ސްވީޕްކޮށްފައި ނުވާކަން މި އިންކުއަރީއަށް ފާހަގަކުރެވުނެވެ." ރިޕޯޓްގައި ބުންޏެވެ.

އެމްއެންޑީއެފްގެ އޯޑެނަންސް ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފު، އިންކުއަރީއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް، ސްވީޕް ކޮށްގެން ހޯދުމުގެ ގާބިލުކަން އެމްއެންޑީއެފްގެ އީއޯޑީޓީމަށް ލިބިގެންވެ އެވެ. ނީލޯފަރު ހިނގުން ބަލައި ފާސްކުރަން ހޭދަވާނީ އޭނާ ވިދާޅުވެފައިވާ ގޮތުން ދެގަޑިއެއްހާ އިރެވެ.

ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން ސަލާމަތީ ބާރުތަކަށް ލިބުނު ބައެއް މައުލޫމާތުތައް ރިޕޯޓްގައި ސިއްރު ކޮށްފައި ވެއެވެ. އެއީ ސީދާ ނަޝީދަށް ލިބުނު އިންޒާރުތަކެއް ކަމެއް ނުވަތަ ޖުމްލަކޮށް މާލޭގައި ހަމަލާއެއް ދީފާނެ ކަމަށް ލިބުނު އިންޒާރުތަކެއް ކަމެއް ރިޕޯޓްގެ ބައިތައް ސިއްރު ކޮށްފައި ހުރުމުން ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މާމީ

  އަދިވެސް ވިދާޅުވޭ ފިނދަނަ ތަކެކޭ...

 2. ހުސޭނުބޭ

  މާނައަކީ ތިއީ ރިމޯޓެއްގެ އެހީގައި ގޮއްވާލި އެއްޗެކޭ! ދެން ކޮބައިތަ ރިމޯޓް! އޭތި އޮންނާނެނު!

  11
 3. ލލ

  ހަމަ ފޭކް ހަމަ ފޭކް ހަމަ ފޭކް !