ހިޔާ ފްލެޓްގެ އެއްބަސްވުމަށް ބޭނުންވާ މައުލޫމާތުތައް ހުށަހެޅުމަށް އެޗްޑީސީ އިން ތައްޔާރުކޮށްފައިވާ ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބެމުންދާކަން ފާހަގަކޮށް ފްލެޓްތަކުގެ މައްސަލައިގައި އަޑުއުފުލަމުން ގެންދާ އާއްމުންގެ ޖަމިއްޔާ އިން އެޗްޑީސީ އަށް ޝުކުރު އަދާކޮށްފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓަށް ކުރިމަތިލުމުން ފެށިގެން ދާއިމީ ލިސްޓު ނެރުމާއި ހަމަޔަށް އާންމުން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރަން ޖެހިފައިވަނީ ވަރަށް ހާލުން ކަމަށާއި އެއްްވެސް ކަމެއް ރޭވި ހަމަޖައްސާފައިވަނީ އާންމުންނަށް ފަސޭހަ ކުރުން އިސްކުރެވިގެން ނޫންކަމަށެވެ.

ނަމަވެސް ގުރުއަތުލުމަށް ފަހު އެޗްޑީސީ އިން ކުރަން ޖެހޭ ކަންކަން ކުރަން އެޗްޑީސީ އިން ތަރައްގީ ކުރި ހިޔާ-7000 ޕޯޓަލް ވަރަށް ތަފާތުކަން އާއްމުންގެ ޖަމިއްޔާ އިން ފާހަކޮށްފައި ވެއެވެ. "ވަރަށް ކުރު މުއްދަތެއްގައި ތަރައްގީ ކުރި މިޕޯޓަލް ތަރައްގީ ކުރެވިފައިވަނީ އާންމު މީހާ އިސްކުރެވިގެނެވެ. އާންމު މީހާއަށް ފަސޭހަކޮށް ދިނުމުގެ މަގްސަދުގައެވެ. ކުދިކުދި ޓެކްނިކަލް މައްސަލަ ދިމާވިކަމުގައިވިޔަސް ޖުމްލަކޮށް ޕޯޓަލް ވަރަށްވެސް ފުރިހަމައެވެ. އަދި ބޭނުން ކުރަން ފަސޭހަވެސް މެއެވެ. އާންމު މީހާ ކުރަން ޖެހޭ ހުރިހާ ކަމެއް ފޯނުން އެބަ ކޮށްލެވެއެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

މީގެ ކުރިން މިއަށްވުރެ މާ އާދައިގެ ކަންކަން ކުރަން (މިސާލަކަށް ޝަކުވާ ހުށަހަޅަން) އާންމުން އުފުލަން ޖެހުނު ތަކްލީފުތައް އެތައް ގުނައެއް ބޮޑު ކަމަށާއި ވީމާ ފްލެޓާއި ގުޅޭ ކަންކަން ކުރާ އެހެން މުއައްސަސާ ތަކުން އެޗްޑީސީގެ މި މިސާލުން ފިލާވަޅު ދަސްކުރަން ޖެހޭކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

"ފަސޭހަ ހިދުމަތް ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ ނިޔަތެއް އޮވެގެން އެކަން ކުރަން އުޅެފިނަމަ ވާނެކަން އެޗްޑީސީ އިން މިވަނީ ސާބިތު ކޮށްދީފައެވެ. މީގެ އިތުރުން ކުރިން އާންމުންް ގުޅަން ޖެހުނު ފްލެޓު ކޮމެޓީ އަދި ހައުސިން މިނިސްޓްރީއާއި ހިލާފަށް ފޯނާއި ސިޓީއަށް ޖަވާބު ދިނުމުގައި އެޗްޑީސީ އަވަސްވެފައި ވަރަށް ފަރުވާތެރިކަންވެސް އަޅުގަނޑުމެންގެ ވަރަށް ގިނަ މެންބަރުން ދަނީ ފާހަގަ ކުރަމުންނެވެ. މި ޕޯޓަލް ނެތްނަމަ އެގްރިމަންޓް ސޮއި ކުރުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ކުރަން އާންމުންގެ މީހުން ވަރަށް ބޮޑެތި ތަކްލީފުތައް އުފުލަން ޖެހުނީހެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާގެ ބަޔާނާއި ގުޅިގެން އެޗްޑީސީ އިން ބުނީ އެކުންފުނިން ކުރަމުން ގެންދާ މަސައްކަތް ބަލައިގަނެ، އެކަން އާއްމުންހެ ޖަމިއްޔާ އިންފާހަގަ ކުރެއްވި ކަމަށްޓަކައި އެޗްޑީސީގެ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާކަމަށެވެ. އެކުންފުނީގެ އަމާޒަކީ އާންމުންނާއި ގުޅިގެން އެޗްޑީސީއިން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ރަގަޅުކުރުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށާށެވެ.