50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު މެންދުރުފަހު 15:00 އާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.