ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން ހިންގަމުން އަންނައިރު، އެ ތަހުގީގު ނުނިމެނީސް މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓް އާއްމު ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިގޮތަށް ވިދާޅުވެފައިވަނީ ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓަކީ ވަރަށް ފުރިހަމަ އަދި ތަފްސީލް ގިނަ ރިޕޯޓެއް ކަމަށް އެސިސްޓެންޓް ކޮމޮޝަނަރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވި ޑރ. އަބްދުﷲ ފައިރޫޝް ވިދާޅު ކުރައްވާފައިވާ ޓްވިޓަކާއި ގުޅިގެންނެވެ.

އެގޮތުން ފައިރޫޝް ވިދާޅުވީ، ރިޕޯޓް ފުރިހަމަވި ނަމަވެސް، 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްއެންޑީއެފުން ސަރުކާރު ކެބިނެޓަށް ހުށަހެޅި ކަރުދާހުގައި ތަފްސީލްތައް ނެތް ކަމަށާއި އެ ކަރުދާހަކީ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރު އުފައްދަން ވެގެން ހުށަހަޅާފައިވާ ކަރުދާހެއް ކަމަށެވެ.

އެކަމާއި ގުޅިގެން ދީދީ ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އެފަދަ ރިޕޯޓެއް އާއްމު ކޮށްގެން ނުވާނެ ކަމަށާއި އެއީ 'ޕްރޮފެޝަނަލް' ކަމެއް ނޫން ކަމަށެވެ.

"އެރިޕޯޓުގެ ސަބަބުން އެއްވެސް ކަމެއް ހާސިލް ނުވާނެ. އެކަމުގެ ސަބަބުން ފުލުހުންގެ ތަހުގީގީ މަސައްކަތަށް ހުރަސް އެޅިގެންދާނެ. ވަކި ކަހަލަ މައުލޫމާތެއް އާއްމު ކޮށްގެން ނުވާނެ" ދީދީ ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބައެއް ކަހަލަ އިހުމާލުތައް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިހުމާލު ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަކިބެ

    ގާނޫނުއަސާސީއާ ގާނޫނުތަކުގަ ސާފު ދިވެހިބަހުން އެބަޔަކަށް ލިބިގެންވާ އިޚްތިޔާރާއއި ބާރުތައް ލިޔެ ގަރާރުކޮށްފައި އޮތަސް ދައުލަތް ހިނގަމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަން މީގެ ކުރިންވެސް އަހަރެން އިބްރާހިމް ދީދީ ކައިރީ ބުނިން. މަޖިީހަށް ލިބިފައި ނުވާ އިމްތިޔާޒްތަކާ ބާރުތައް މިއަދު މަޖިލީހުން ހޯދައިގެން ވެރިކަން ކުރަމުން ދިއުމުގެ ނަތީޖާއަކީ ގާނޫނުއަސާސީއާ ގާނޫނުތަކުގެ ބާރު ކެނޑިގެން ދިއުން.

  2. ހިތަދޫމީހާ

    ތު އްބީގެދީދީ މެންގޮވާވޮލިތަށް އަޑު އަހާނީ 30 އަހަރު ވެރިކަން ކޮށް އަދިވެސް ވެރިކަންނުލިބިގެން މޮޔަގޮވަމުން އެދުވާބޭ އެކަނި!!!