ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވް ކައިރީގައި ތަރައްޤީކޮށްފައިވާ "ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު"ގެ މުވައްޒަފުން އެދުމުން އެފަރާތްތަކަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފިއެވެ.

އެ ރިސޯޓުން މިގޮތަށް ހުއްދަ ދިނީ މުވައްޒަފުން އެކަމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުންނެވެ.

މިއީ ބޭރުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން މުވައްޒަފުންގެ އެދުމުގެ މަތިން ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިން ފުރަތަމަ ރިސޯޓެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނީ، ދުނިޔޭގެ އެންމެ ބޮޑު ޓޫރިސްޓް ހޮޓެލް ޗެއިންގެ ފަރާތުން ހިންގާ ވެސްޓިން ރިސޯޓްގެ ގިނަ ދިވެހި މުވައްޒަފުން އެއްބައިވެ ޕެޓިޝަން ހަދާ މެނޭޖްމަންޓަށް ހުށަހަޅައި، އެކުގައި މަސައްކަތްކޮށް ރިސޯޓްގައި ވަޒީފާގައި އުޅޭއިރު ތުނބުޅި ބެހެއްޓޭނެ ގޮތަށް ރިސޯޓްގެ ޕޮލިސީ ބަދަލުކޮށްފައިވާ ކަމަށެވެ.

"މީ މަސައްކަތްތެރިން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޒާ! ތިޔަހެއްދެވީ ރެކޯރޑެއް، ވަރަށްބޮޑަށް މަރުހަބާ!" ޓީމް އިން ބުންޏެވެ.

ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ރިސޯޓު މުވައްޒަފުންނަށް ލިބުނުު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މެރިއެޓް ފަދަ ބޮޑު ކުންފުންޏަކުން ހިންގާ ރިސޯޓެއްގައި ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދެވޭއިރު، އެހެން ރިސޯޓުތަކުން ވެސް އެ ހުއްދަ ދެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެސްޓިން ރިސޯޓުން ވަނީ ތުނބުޅި ބެހެއްޓޭނެ ގޮތަށް ނިންމައި ގައިޑްލައިނެއް ވެސް އާއްމުކޮށްފައެވެ. މި ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ތުނބުޅި ބަހައްޓަން ޖެހޭނީ ޓްރިމްކޮށް، "ގްރޫމް" ކޮށްފައެވެ. އަދި އެއްވަރަކަށް ތުނބުޅި ނުފަޅާނަމަ ނުވަތަ ގްރޫމްކޮށްފައި ނުބެހެއްޓޭ ނަމަ ތުނބުޅި ބާލަން ޖެހޭނެ ކަމަށް ވެސް ގައިޑްލައިންގައި ބުނެފައިވެއެވެ.

ވެސްޓިން މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ނިންމިއިރު، ރިސޯޓުތަކުގައި ތުނބުޅި ބެހެއްޓޭ ގޮތް ހަދައި ދިނުމަށް އެދި ރިސޯޓު މުވައްޒަފުން ވަނީ ރައީސަށް ހުށަހަޅަން ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައެވެ.