ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ތެރޭގެ ބައެއް ރަށްތަކަށް މޫސުން ވަރަށް ގޯސްވެ، އޮރެންޖް އިންޒާރު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ، އުދައަރާފާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން އިންޒާރު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށެވެ.

އެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ވާރޭ

  މިތަނައް މިހާރު އޮރެންޖް އެލާރޓް ނެރޭވަރުވަނީ އެ ކުރިން ހަނދާންވެސް ނުހުރެ އޮރެންޖް އެލާރޓް ނެރޭ ކަންވެސް
  ބިރެއްނުގަނެޔޭ މިޔޮއްއުޅޭ މީހުން
  މިތަނައް ތޫފާން އަރާކައްވެސް ދުރަކުނެއް
  ފާފަ ކުރަމުން ދުވާއިރު ހިތައް ނާރާ މިތަންމި ވަށާގެން ކަނޑެއް އޮއްބަތަނެއް ކަމެއް
  ކޮންމެ ފަދަ ކޯފާއެއް އަޔަސް މިތާ ދުވަސް ދިޔާކަން

  5
  1