"މަރިޔަމް މަސްއޫދު އެންޑް އައިސީއެފް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތް" ނަމުގައި ކުރިއަށް ދާ އޮންލައިން ޤުރުއާން މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި ކުއްޖަކު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މަރިޔަމް މަސްއޫދު ފޭސްބުކު ޕޭޖުގައި ހިއްސާ ކޮށްފައިވާ ޕޯސްޓަކުން ބުނާ ގޮތުގައި އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ އުމުރުން 9 އަހަރުގެ އަބްދުﷲ ބިން އާސިފް އެވެ.

އެޕޯސްޓަށް ބަލާއިރު، ސެމީ ފައިނަލަށް ދަތުރު ކުރި ބައިވެރިންގެ ތެރެއިން އަބްދުﷲ އަކީ ރާއްޖެއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ހަމަ އެކަނި ދަރިވަރެވެ. އަބްދުﷲގެ އިތުރުން އެ މުބާރާތުގެ ސެމީ އަށް ދަތުރު ކޮށްފައިވަނީ އެމެރިކާ، ދުބާއީ، ކެނެޑާ، އިންޑިއާ އަދި ނިއުޒިލޭންޑުގެ ދަރިވަރުންނެވެ.


އަބްދުﷲ މި މުބާރާތުގައި ބައިވެރިވެފައިވަނީ 4 އަހަރާއި 9 އަހަރާއި ދެމެދުގެ ނުބަލާ ކިޔުމުގެ ބައިގެ ފިރިހެން ކުދިންގެ ގްރޫޕުންނެވެ.

މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކަށް ވެސް 200 ކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލިއެވެ. އެހެން ނަމަވެސް ބައިވެރިވީ ކިހާ އަދަދެއްގެ ދަރިވަރުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ސެމީ ފައިނަލަށް ދަތުރު ކުރި އަބްދުﷲގެ ކިޔެވުން އެންމެ ފުރަތަމަ ފޮނުވާފައިވަނީ ރިކޯޑް ކޮށްގެންނެވެ. އެހެން ނަމަވެސް ސެމީ ފައިނަލަށް ދަތުރު ކުރެވުމާ އެކު ދެން ކިޔެވުން އޮންނާނީ ލައިވްކޮށެވެ. ސެމީ ފައިނަލްގައި އަބްދުﷲ ކިޔަވަން ހަމަ ޖެހިފައިވަނީ މާދަމާގެ ރޭގަނޑު 9:00 ގައެވެ. އެ ޕޭޖުން މުބާރާތުގެ ސެމީގެ ކިޔެވުންތައް ލައިވްކޮށް ގެނެސްދޭނެއެވެ.