ރާއްޖޭގައި އިންވެސްޓު ކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ADS BY SHEESHA

މިއަދު ހެނދުނު ބޭއްވި ބިޒްނަސް ލީޑަރުންގެ ފޯރަމުގައި ވާހަކަދައްކަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ފަރާތްތަކުން ރާއްޖޭގެ އިކޮނޮމީ އަކީ ކުޑަ އަދި ވިޔަފާރިތަކަށް ލިމިޓެޑް ފުރުސަތުތަކެއް ހުރި ގައުމެއްގެ ގޮތުގައި ދެކޭ ކަމަށާއި ނަމަވެސް ރާއްޖޭގެ މާކެޓް ރަނގަޅަށް ދަންނަ ބޭރުގެ އިންވެސްޓަރުންނަށް އެކަން ދޮގުކުރާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިގްތިސާދަށް ބަދަލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ހާއްސަ އިގްތިސާދީ ޒޯންތަކާއި ޒުވާނުންގެ ސިޓީ ފަދަ މަޝްރޫއުތައް ހިއްސާ ކުރެއްވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވަނީ ފޮރިން އިންވެސްޓުމެންޓު ގާނޫނާއި އިގްތިސާދީ ޒޯންތަކުގެ ގާނޫނުން ބޭރުގެ ވިޔަފާރިތަކަށް ރާއްޖެއިން ރައްކާތެރިކަން ހޯދައިދީފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓު ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ވަނީ ދައުވަތު އަރުވާފައެވެ.

އަދި ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނައިން އެހީތެރިވާކަން ފާހަގަކޮށް ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ADS BY SHEESHA

މީގެ ތެރޭގައި ވިޔަފާރިއާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ.

Comments are closed.