ލޯކަލް ކައުންސިލްތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓްގައި ހިމަނަން ބޭނުންވާ މައުލޫމާތު އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓް ތައްޔާރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއް ގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުގެ މެދު ރާސްތާ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަން ފާހަގަކޮށްފައެވެ.

އެހެންކަމުން އުސޫލުގައިވާ މެދު ރާސްތާގެ ބަޖެޓް ތައްޔާރު ކުރަން ބޭނުންވާ މައުލޫމާތުތައް އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ފޮނުވަން އަންގާ ކަމަށް އެ ސާކިއުލާގައިވެއެވެ.

މިގޮތުން ފޮނުވާ މައުލޫމާތުތަކުގެ ތެރޭގައި ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ބަޖެޓް އާއި، އިދާރާތަކުން ދޫކުރާ ކޮންޑިޝަނަލް ގްރާންޓްއާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑްއާއި، އިތުރު ގޮތް ގޮތުން ވެސް ކައުންސިލަށް ލިބޭ އާމްދަނީ ހިމަނަން އެދިފައިވެއެވެ.

އެއިން ކޮންމެ އާމްދަނީއެއް ވެސް ވަކިން ފާހަގަކުރެވޭ ގޮތަށް ކައުންސިލުން ފޮނުވާ މައުލޫމާތުގެ އޮނިގަނޑުގައި ހިމަނަން ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.

މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ވެސް އޮންނަ ގޮތުގެ މަތިން މީލާދީ ކޮންމެ އަހަރެއް ފެށުމުގެ ދެ މަސް ކުރިން އެ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ދައުލަތަށް ފޮނުވަން ޖެހެއެވެ. އެ ބަޖެޓްގައި ކައުންސިލްތަކުގެ ބަޖެޓް މައުލޫމާތު ވެސް ހިމަނާނެއެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 21 ބިލިއަން ރުފިޔާއެވެ. އަދި ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 33 ބިލިއަން ރުފިޔާއެވެ.