މާލެއަށް އުފަން މ. ފެމްލެޓް، އަހުމަދު ޝައްޔާން ހަލީމްއަކީ އުފެދުމުގައި ހުންނަ މައްސަލައެއް ކަމަށްވާ ސްނައިޕަލް ބިފިޑާގެ ސަބަބުން ދިރިއުޅުމުގެ ބޮޑުބައި ބަލިމަޑުކަމުގައި ހޭދަކުރަމުން އަންނަ ކުއްޖެކެވެ. އުމުރުން 16 އަހަރު ޝައްޔާންގެ އާއިލާއިން ހުއްޓުމެއް ނެތި އޭނާއަށް އެ އުމުރުގެ އެހެން ކުދިންނާ އެއްގޮތަށް އާދައިގެ ދިރިއުޅުމެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. އަދި އެކަމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ކުރަމުންދެއެވެ.
މި ބަލިމަޑުކަމުގެ ސަބަބުން ގްރޭޑް ހަތަރަކާ ހަމައަށް ތައުލީމް ހާސިލްކުރުމަށް ފަހު ޝައްޔާންއަށް ވަނީ އޭނާގެ ތައުލީމީ ހަޔާތާ ދުރަށް ދިއުމަށް މަޖުބޫރުވެފައެވެ. އެހެން ކުދިން ފަދައިން ޝައްޔާންވެސް ތައުލީމް ހާސިލްކުރުމަށް ބޭނުންވެއެވެ. ފިރިހެން ކުދިންގެ އެންމެ ސިޔާސަ އުމުރުފުރާގައި ޝައްޔާން އަށް ވަނީ ބަލި ތަންމަތީގައި އޮތުމަށް މަޖުބޫރުވެފައެވެ.
ޝައްޔާން އަށް ދިމާވެފައިވާ މި ހާލަތު، (ސްޕައިނަލް ޑައިސްރަފިޒަމް) އަކީ އުފެދުމުގައި ގުދުރަތީ ގޮތުން ސްޕައިނަލް ކޯޑަށް ދިމާވާ ނުކުޅެދުންތެރިކަމަށް ސިއްހީ ގޮތުން ބޭނުން ކުރާ ލަފުޒެކެވެ. މި ހާލަތު މެދުވެރިވާ ސަބަބަކީ، ސްޕައިނަލް ކޯޑުގެ ނާރުތަކަށް ދިމާވާ މައްސަލަތައް ނުވަތަ ސްޕައިނަލް ކޯޑުގައި ނާރު އުފެދެން ޖެހޭ ގޮތަށް އުފެދިފައި ނެތުން ކަން ފާހަގަކޮށްލެވެއެވެ.
ޝައްޔާންގެ ބެލެނިވެރިޔާ އައިމިނަތު ވަހީދާ "ވަގުތަށް" ބުނި ގޮތުގައި ޝައްޔާނުގެ ސްޕައިނަލް ކޯޑަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އޭނާގެ އުނަގަނޑުން ތިރިއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން އުނަގަނޑުން ތިރީގެ ލޭ ދައުރުވުމަށް ވަރަށް ބޮޑު ދަތިތަކެއް އެބަހުއްޓެވެ.
މިހާތަނަށް ސްޕައިނަލް ކޯޑުގެ ތިން ސާޖަރީއެއް އަދި ފައިގެ 20 ސާޖަރީއެއް ޝައްޔާން ވަނީ ކޮށްފައެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް އަދި ޝައްޔާންއަށް ލިބިފައެއް ނުވެއެވެ.
އާއްމުކޮށް އިންޑިއާއިން ފަރުވާ ހޯދާފައިވާ ޝައްޔާންއާ ބެހޭ ގޮތުން ޑޮކްޓަރުން ވަނީ އޭނާއަށް ހިނގޭ ނަމަ އޮޕަރޭޝަން ނުކުރަން ލަފާދީފައެވެ. އެއީ އެފަދަ އޮޕަރޭޝަނެއްގެ ސަބަބުން ޕެރަލައިޒް ވެދާނެތީ ކަމަށް ވެސް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވައިފައެވެ.
ޑޮކްޓަރުންގެ މި ލަފަޔާއެކު އޭނާގެ އޮޕަރޭޝަން މަޑު ޖައްސާލާފައި ވަނިކޮށް، 2014 ވަނަ އަހަރުގެ މާރިޗް މަހު އޭނާ ކުޅެން އުޅެނިކޮށް ފައިގެ ފުންނާބު ޓިނުގަނޑެއްގައި ޖެހި ކަފައިގެންދިޔައެވެ.
އޭގެ ފަހުން "ފުންނާބު ހަލާކުވެ ފާރުވާން މެދުވެރި ވި އިރު އެކަމަށް ފަރުވާ ކުރުމަށް އަށް ފަހަރު ސާޖަރީ ހެދި ނަމަވެސް އެކަމުގެ ރާހަތެއް މިންވަރެއް ނުވިއެވެ. ޝައްޔާން އަށް ދިމާވެފައިވާ ސްޕައިނަލް ޑައިސްރަފިޒަމްގެ ހާލަތުގެ ސަބަބުން ފާރުގަނޑު ފަސޭހައެއްނުވެއެވެ.
އެއީ ނާރުތަކުގެ ބާރު ދަށްވުމުގެ ސަބަބުން މެދުވެރިވާ ކަމަކަށް ވާއިރު ޝައްޔާންގެ ފައިގެ ފުންނާބު ވަނީ ފާރުވެ އިންފެކްޓްވެ، އެހިސާބުން ފެށިގެން އޭނާއަށް ހިނގާ ބިނގާވެ އުޅުމަށް ދަތިވެ، ސިއްހީ ގޮތުން އިތުރު އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހިފައެވެ.
މިހާތަނަށް ކޮށްފައިވާ އޮޕަރޭޝަންތަކުން ކުރިއެރުމެއް ލިބިފައި ނުވާއިރު ޑޮކްޓަރުންގެ ލަފަޔާއެކު ދެން ޝައްޔާންގެ އާއިލާއިން ބޭނުންވަނީ ޝައްޔާންގެ ފައި ބުރިކޮށްލުމަށް ފަހު އާޓިފިޝިއަލް ފައެއް ޖެހުމަށެވެ.
"ފައިގެ 20 ސާޖަރީއެއް މިހާތަނަށްކޮށް މާބޮޑު ކުރިއެރުމެއް ނުލިބުމުން ދެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޑޮކްޓަރުންގެ ލަފަޔާއެކު ދަރިފުޅުގެ ފައިބުރިކޮށް އާޓިފިޝިއަލް ފައެއް ޖެހުމަށް. މިކަމަށް އެތައް ފައިސާއެއް ހަރަދުވާނެ" ޝައްޔާންގެ މަންމަ، ވަހީދާ ބުންޏެވެ.
މިމަހުހެ 29 ވަނަ ދުވަހު މި ސާޖަރީއަށް އިންޑިއާއަށް ފުރުމަށް ޝައްޔާން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިކަަމަށް 130،000 ރުފިޔާ ހޭދަވާނެ ކަމަށް އާއިލާއިން ލަފާކުރެއެވެ. ނަމަވެސް ޝައްޔާންގެ އާއިލާއިން ތަހައްމަލުކުރަމުން ދަނީ ދަތި ދިރިއުޅުމެކެވެ. އޭނާއަށް ހިނގޭނެކަމަށް އޮތް ހުވަފެނުގެ ކުލަޖެއްސެން އޮތީ އެހެން މީހުންގެ އެހީ ލިބިގެންނެވެ.
ޝައްޔާން އާއި ޝައްޔާންގެ އާއިލާއިން އެދެނީ އޭނާ އިންޑިއާއަށް ފަރުވާ ހޯދުމަށް ދިއުމަށް އެހީވެދިނުމަށެވެ.
އެހީތެރިވުމަށް:
އައިމިނަތު ވަހީދާ: 9866445، 9132445
އެކައުންޓް ނަމްބަރު:
އައިމިނަތު ވަހީދާ: 7704161864101
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ. "
نتمنى لك الشفاء العاجل
ވަﷲ ޢައުލަމް! ޙަސްބުނަﷲ ވަނިޢުމަލް ވަކީލް! ވަރަށް ވަރަށް ދެރަވެ އަސަރުކޮށްފި އެވެ. ބައެއް ފަހަރު އަހަރުމެންނަށް ދެރައެކޭ ހީވިޔަސް އެކަމުގެ ބަދަލުގައި ހެޔޮގޮތްތައް ﷲ މިންވަރު ކުރައްވައެވެ. އިން ޝާ ﷲ، ތިގޮތަށް ތިކަން ނިމުނަސް ޝައްޔާންގެ ދެދުނިޔެ ބާއްޖަވެރި ކުރައްވާށި! އާމީން