ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްޗަށް މަޖިލިހުން ހިންގި އިންކުއަރީގެ ރިޕޯޓްގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށާއި ސެކުއިރިޓީ ދިނުމުގައި އިހުމާލެއްވާ ނަމަ އެ ކަންކަމުގެ މައްޗަށެވެ.

މި އިންކުއަރީ ރިޕޯޓްގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް އުނިކުރުމަށް ފަހު މަޖިލީހުގެ ވެބްސައިޓްގައި ކޮމިޓީ ރިޕޯޓް އާންމުކޮށްފައިވާއިރު އޭގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ދާއިރާއާ ގުޅޭ ބައެއް މާހިރުން ދަނީ ބުނަމުންނެވެ.

އޭގެ ފަހުން، ގައުމީ ސަލާމަތުގެ މައުލޫމާތުތައް ވެސް ހިމެނޭ ގޮތަށް އޮތް ރިޕޯޓް ވެސް މީސް މީޑިއާއަށް ވަނީ ލީކު ވެފައެވެ.

މިކަމާ ގުޅޭ ގޮތުން ފައިރޫޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓް އެ ގޮތަށް އާންމު ކުރުމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް އެޅޭނެ ހުރަހެެއް ނުވަތަ ލިބޭނެ ގެއްލުމެއް އޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ގައުމީ ސަލާމަތުގެ ނަމުގައި އަސްކަރިއްޔާއާ ގުޅޭ ހުރިހާ ކަމެއް ވެސް ފޮރުވުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަނެފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި އަސްކަރިއްޔާގެ ބައެއް ގަވާއިދުތައް ވެސް ފޮރުވާފައިވާ ކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.

މިދިޔެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގެ މަޖީދީ މަގާއި ނީލޯފަރު ހިނގުން ކަންމައްޗަށްވާ ގޮތަށް ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައީޑީއެއް ގޮއްވާލި މައްސަލާގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައިގެ މައްޗަށް 241 ކޮމިޓިން ހިންގި އިންކުއަރީ ރިޕޯޓްގައި ނަޝީދަށް ސެކުއިރިޓީ ދިނުމުގައި އިހުމާލުވި ފަރާތްތައް ފާހަގަކޮށްފައިވެއެވެ. މި ގޮތުން ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގަތުމަށް ފަހު، އެއްވެސް ފަރާތަކާ ޚިއްސާ ނުކުރުން ބަލައިނުގަނެވޭނެ ކަމަށް ވެސް ރިޕޯޓްގައި ސާފުކޮށް ބަޔާން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    ފައިރޫޝު އަކަށް އަސްލު ނޭގޭނެ ތަހުގީގުގެ ކަންކަމެއް ފުލުހުންގެ މުއައްސަސާގައި ވީދުވަހެއްވީ ކަންކަން ބޮލުން ކަޓުވާލާ އަމިއްލަ އެދުމުން ފުރިގެން ޖީބައް ބާރުބޮޑުކުރަން ފާޑުފާޑުގެ ކޮސް ހަދަން

    1
    1