އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

ޝާހިދަށް މީގެ ކުރިން ދެމުން ދިޔައީ މިނިސްޓަރަކަށް ދެމުންދާ ސެކިއުރިޓީއެވެ.

ނަމަވެސް ބައިނަލްއަގްވާމީ އިސް މަގާމަކަށް ޝާހިދު އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން މިހާރު ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ނަން ހާމަނުކުރަން ޝަރުުތުކޮށް "ވަގުތު"އާ ވާހަކަ ދެއްކި ސިފައިންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަގާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކީ ބައިނަލްއަގްވާމީ ގޮތުންވެސް ހާއްސަ ސެކިއުރިޓީއެއް ފޯރުކޮށްދެމުންދާ ބޭފުޅެއް ކަމަށްވާތީވެ އެމްއެންޑީއެފުން ވެސް މިހާރު ޝާހިދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.

ޝާހިދު، އދ.ގެ އާއްމު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މިއީ އދ. ގައި ދިވެއްސަކަށް މިހާ މަތީ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް ނިއު ޔޯކުގައި ބޭއްވި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށް ފަހު ޝާހިދު ދެއްވި ތަގްރީރުގައި ވިދާޅުވީ އާއްމު މަޖިލީހުގެ އާ ރައީސް ކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ޚާއްސަ އިސްކަމެއް ދެއްވާނީ ކޮވިޑް-19ގެ ހާލަތު އަރައިގަތުމަށް ދުނިޔެ ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުން ކަމަށެވެ.

އަދި ކުރިއަށް ވުރެ ވަރުގަދަ، ފެހި އަދި ނޫ މުޖުތަމައުއެއް ބިނާ ކުރުމާއި އާއްމު މަޖިލީހުގައި ޒުވާނުންގެ އަޑު އިތުރުކޮށް، ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދިނުމާއި ޖިންސީ ހަމަހަމަ ކަމަށް ވަކާލާތުކޮށް، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ފޮރިން މިނިސްޓަރު ކަމާ ނޮވެމްބަރު 17، 2018 ގައި ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވީ ބޭރު ގައުމުތަކާ އޮތް ގުޅުން ބަދަހި ކުރެއްވުމެވެ. ޝާހިދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ސަބަބުން ދުނިޔޭގެ ގައުމުތަކާ އޮތީ ބީރައްޓެހި ގުޅުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސީ

    ސާހިދުަތައްވެސް ބަޑިއެއް ދީފައި ބާއްވާ

  2. ވައިކިންގ

    މުޖުތަމައުތައް ހުރޭތަ ފެހި ކުލައިގަޔާ ނޫ ކުލައިގަ؟ ސިކުނޑިތައް މިތިބެނީ ދޮވެވިފަ!

    7
    3
  3. އިބްރާހިމް

    އެމްޑީޕީގެ އެންމެނަށް ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން. ނޫނޭ ފައްކާ ވެރިކަމެއް ރާއްޖޭގައި މިއޮތީ.

    2
    1
  4. އަނަސު

    ޝާހިދަކީ ރައްޔިތުންގެ ޓެކުސް ފައިސާއިން ވަށްކަން ކޮށްފައިވާ މީހެއް! މިކަހަލަ މީހުންނަށް ސެކިޔުރިޓީ ދޭކަށް ނުޖެހޭ! އަލިފުދާލުގެ މަގާމެއްގައި ހުއްޓަސް މިވެރިކަން ނިމޭއިރައް ހައްޔަރު ކުރަން ނުކުންނާނަން! ފިލައިގެން ނުދެވޭނެ އަދި ކޮންމެތަނަކު ހުއްޓަސް ހައްޔަރުކޮށްގެން ގެންނާނަން! ކަލޯ ވިއްނައިގެން ހުންނާތި ހުރިއްޔާހުރިމުދަލަކާ ގެދޮރުވެސް ނަގާނަން!

    3
    1
  5. ކާފަދ

    ތީ ގުނަންލާ މަޤާމެއްތަ؟ އަފްޤާނުންނާ ދިވެހިންނާ އެކަނި ވާދަކުރާ ފެންވަރުގަ

    4
    1
  6. އައްޑޫ މީހާ

    ޔާމީނުގެ ސަރުކާރުގައި ދިވެހިރާއްޖެ ބީރައްޓެހި ކުރަން މަސައްކަތްކުރީ ކޮންބައެއްތޯ؟ ގައުމުގެ ރައްޔިތުން ބަނޑަށްޖައްސައި ގައުމުގެ އިގްތިސޯދު ފުނޑަން އުޅުނީ ކޮން ބައެއްތޯ؟ މިހާރު އިދިކޮޅުން އެގޮތައްތޯ ކަންތައްކުރަނީ؟ ކަޅޭމެން އިދިކޮޅުގައި ތިބި އިރު ދެކަމެއްނުކޮށް މިގައުމުގެ އިޤްތިސޯދު ފުނޑުފުނޑު ކުރަން އުޅުނުތަން ރައްޔިތުންނަށް ފެންނާނެ މނޖ ވިދާޅުވަނީ!