ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅުން ހުރި ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާ މެންދުރު ފަހު ބާއްވަން ތާވަލުކޮށްފިއެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި މި ވަނީ، އެ ދައުވާތަކުގެ ޝަރީއަތުގައި އޭނާއަށް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައި ވަނިކޮށެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އެ އެއްބަސްވުން ވެސް ހަމަވެފައިވަނިކޮށް ޖޫން 21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ. އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް ކްރިމިނަލް ކޯޓުން ހުއްދަ ދީފައި ވަނީ އަލީ ވަހީދުގެ ސިއްޚި ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށެށެވެ. އެހެންވެ އޭނާ އަޑުއެހުންތަކުގައި ބައިވެރިވާނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ.

އެކަމާއި ޕީޖީ އޮފީހުން ވިދާޅުވީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އެހެންވެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ކަމަށެވެ.