ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ، ރަނގަޅަށް ހިންގަން ބޭނުން ނަމަ އެމްޑީޕީގެ ސްލޮޓުގައި ތިއްބެވި ވަޒީރުން ޕާޓީގެ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިއްޔެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ އާޒިމް އެހެން ވިދާޅުވީ، "ވަގުތު" އިން "ކްލަބް ހައުސް" ގައި ކުރިއަށް ގެންދިޔަ "ހަވާސް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ފަހަކަށް އައިސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ މަދު ވަޒީރެކެވެ.

ބައިވެރިވެވަޑައިގަންނަވާ ވަޒީރުންވެސް މާ ބޮޑަށް ވާހަކަ ދައްކަވާ ތަނެއް ނުފެނެއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ޕާޓީގެ މެންބަރުންގެ ޝުއޫރުތައް ފާޅުކުރަން ކުރިއަށް ދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ކަން ހިނގީ އެގޮތަށެވެ. އެ ޖަލްސާގައި ވެސް ބައިވެރިވެ ވަޑައިގެންނެވީ ހަތަރު ވަޒީރެކެވެ. އެކަމަކު އެ ވަޒީރުން ތިއްބެވީ ހަނެވެ.

ގައުމީ މަޖިލީހުގައި ވަޒީރުން ބައިވެރިވެވަޑައިނުގަންނަވާ ސަބަބު ހޯދަން "ވަގުތު" އިން ބައެއް ވަޒީރުންނާ ސުވާލު ކުރެއްވުމުން ޖަވާބެއް ނުދެއްވައެވެ.

އެކަމާއި ގުޅޭ ގޮތުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން އާޒިމް ވިދާޅުވީ، ޕާޓީގެ ހަރަކާތްތަކުގައި ވަޒީރުންގެ ބައިވެރިވުން މަދުވާތީވެ އެ ވާހަކަ މީގެ ކުރިންވެސް ގައުމީ މަޖިލީހުގައި ދައްކަވާފައިވާނެ ކަމަށެވެ.

"ވަރަށް މަދު ވަޒީރަކު ގައުމީ މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވަނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ވަޒީރުންގެ ބައިވެރިވުން މަދުވުމަކީ ދެރަ ކަމެކެވެ. އަދި އެއީ ޑިމޮކްރަސީ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ވަޒީރުންނަކީ ގައުމީ މަޖިލީހުގެ މެންބަރުން. އެހެންވީމަ އެބޭފުޅުން (ވަޒީރުން) ޕާޓީ ރަނގަޅަށް ހިންގަން ބޭނުންކަމަށް ވަނީ ނަމަ އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީގެ ކަންކަމުގައި ބައިވެރިވަޑައިގަންނަވަން ޖެހޭނެ" އާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެއްވި ގައުމީ މަޖިލީހުގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޕާޓީގެ ކޯޅުންގަނޑު ގޯސްވެފައިވާ އިރު ވަޒީރަކު އެއްޗެއް ވިދާޅުނުވަންވީ ސަބާބަ މެދު މެންބަރުން ދަނީ ސުވާލު އުފައްދަވައިފައެވެ.

ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ވަޒީރުން "ހަނު" ތިއްބަވަނީ ސަރުކާރުން އަންގައިގެންނެވެ.

ބަންޑާރަނައިބް އިބްރާހިމް ރިއްފަތު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގައި އެމްޑީޕީގެ 11 ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    މިހާރަކަށް އައިސް އާޒިމް މާ ހިލިގެން މި އުޅެނީ އަނެއްކާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަން ނަގާތޯ ތަ؟ނޯ ޗޮއިސް ބްރޯ ހަމަ ވެރިކަން ބަދަލުވާއިރަށް ތި ހުރިހާކަމެއް ބަލާނެ އޭގެ ކުރިން އަވަހަށް އެޅެން އޮތް ފިޔަވަޅެއް އަޅާ.

  2. ވަޒީރު

    އާޒިމް މިނިސްޓަރުންނެއް ބޭނުމެއް ނުވާނެ އެމްޑީޕީ ސަރުކާރަކަށް. ބަލަ މިހާރުވެސް ތަހުޤީޤް ކުރުމާ ފިޔަވަޅު އެޅުމާ ގޮތްތައް ނިއްމަމުން ތިދަނީ މަޖިލީސް ތެރެއިން ނޫންތޯ؟ ހިތުން ބޮޑުވަޒީރު ހެދިފަ ކަމުން ލާދީ ނަޝީދު ނޫންތަ ވެރިކަން ހިންގަނީ؟ ދެން ކޮން ވަޒީރުންނެއް؟

  3. ސސ

    އެމްޑީޕީ އަކީ އެ 30 އަހަރުގެ ތެރެއިން އިސްތިއުމާރީ ބަޔަކު އުފައްދާ ދިން ނަފުރަތުގެ ބޮންދުންތަކެއް އެއްވެސް ކަމެއް ރައްޔިތުންނަކަށް ކޮށްދެވޭނެ ބަޔެއްނޫން !

  4. އަހްމަދު

    ވަޒީރުންހަނުތިއްބަވަންޖްހޭސަބަބަކީ ބޮޑުވަޒީރުމަޖިލީހުގައި އިންނަވައިގެންސަރުކާރުހިންގެވުން ތިންބާރުވަކިވެފަޔޯއޮންނަނީ އެކަމަކުބޮޑުވަޒީރައްއެެކަންހަޖަމެއްނުކުރެވޭ ވަޒީރަކުއެއްޗެއްބުނެފިއްޔާ އެމީހެއްގެދުވަސްދުއްވާލާ ފައްޔާޒާމެދުކަންހިނގިގޮތުން ވަޒީރުންތިބީ ބުރުވެރިކަމެއްގެތެރޭގަ ދެންކިހިނެއްއަގައިންބުނާނީ އާޒިމްއަށް މިކަންނޭގެނީބާ