ޏ. ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވެފައި ވަނީ، ފުވައްމުލަކު އެތެރޭގެ މަގު ހެދުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 އިންސައްތަ އާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކު ވަށައިގެން އޮންނަ ރިންގްރޯޑާއެކު އެ ސިޓީގެ 31 މަގެއް ރަނގަޅު ފެންވަރަށް ހަދައި ތާރު އަޅަން އެމްޓީސީސީއާ ހަވާލު ކުރީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

270 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި 16 ކިލޯމީޓަރުގެ މަގު ހެދުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ފުވައްމުލަކުގެ ރިންގްރޯޑުގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ފަށާފައިވާ މަސައްކަތެކެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށީ ފުވައްމުލަކުގެ ރައްޔިތުން އެ މަސައްކަތް ފެށުމަށް އެދި ޝަކުވާ ކުރުމުންނެވެ.

އެމްޓީސީސީއަކީ އެއް ވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏެވެ. އެމްޓީސީސީ އިން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުމެވެ.