ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެމްޑަބްލިއުއެސްސީން ގޭބިސީތަކުގެ ފެން ބިލުތަކަށް 15 މިލިއަން ރުފިޔާއާ ގާތްކުރާ ވަރަށް ޑިސްކައުންޓް ދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީވުމުގެ ގޮތުން ފެން ބިލުން، މުޅި ރާއްޖޭގެ ހުރިހާ ގެޔަކަށް 30 ޕަސެންޓުގެ ޑިސްކައުންޓު އަދި ވިޔަފާރިކުރާ ތަންތަނުގެ ބިލުން 20 ޕަސެންޓުގެ ދިނުމަށް ސަރުކާރުން ނިންމައި، އެކަން އިއުލާން ކުރީ މިދިޔަ މެއި މަހުއެވެ.

އެ ނިންމުމާ އެކު މެއި މަހުގެ ބިލްތަކުން ފެން ކުންފުނިން ވަނީ ޑިސްކައުންޓް ދީފައެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ޝާހު ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިތަކެއް ދިމާވި ކަމަށެވެ. ނަމަވެސް ކުންފުނިން މަސައްކަތް ބައްޓަންކުރީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތް މެދުނުކުނޑި ފޯރުކޮށް ދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު ޝާހު ވިދާޅުވީ، ފެން ބިލްތަކުން 30 އިންސައްތަ ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވުމާ ގުޅިގެން ހިދުމަތް ހޯދަމުންދާ 70،000 ކަސްޓަމަރުންގެ ބިލުތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.

" ގާތްގަނޑަކަށް 15 މިލިއަން ރުފިޔާއާ ގާތްކުރާ ޑިސްކައުންޓް ދީފިން" ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ފެން ފޯރުކޮށްދެމުން ދަނީ ގްރޭޓާ މާލޭ ސަރަހައްދަށާއި، ރ. ދުވާފަރު އަދި ކ. މާފުށީގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

ސަރުކާރުން މީގެކުރިން ވަނީ ގޭބީސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓު އަދި ވިޔަފާރިކުރާ ތަންތަނުން ކަރަންޓް ބިލުން 20 އިންސައްތަ ޑިސްކައުންޓެއްވެސް ދީފައެވެ.

އެ ލުއިތައް އިއުލާން ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެ ހުރިހާ ކަމެއް މި ކުރަނީ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައްވެސް ދެމުން ގެންދަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.