ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ބާކީހުރި ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ މި އެޗްޑީސީގެ ނަމުގައި އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން މިހެން ބުނީ ފްލެޓްތަކާއި ގުޅޭ ގޮތުން ކުރަމުންދާ ފޭކް ކޯލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ކުރި އިއުލާނެއްގައެވެ.

އިއުލާނުގައި ބުނީ މި މަޝްރޫޢުގެ ދަށުން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށް އެޗްޑީސީ އިން އަމަލުކުރަމުންދާ އުޞޫލަކީ، ފުލެޓު ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚް އަދި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިޢުލާނުކުރުމަށްފަހު، ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުމެވެ.

ގުރުއަތުން ފުލެޓު ލިބިފައިވާ ފަރާތްތަކާއި، ފުލެޓު ލިބިފައިނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްޞީލު ހިއްސާކުރުމަށް ނުގުޅާނެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށާއި އަދި، މި މަޝްރޫޢުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިޢުލާނެއްގެ ޒަރިއްޔާއިން ނުވަތަ މިކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މިފަދަ ކަމެއްގައި އެޗްޑީސީގެ ފަރާތުން ކޮންމެހެން ގުޅަން ޖެހިގެން ގުޅާނަމަ ބޭނުން ކުރާނީ އެޗްޑީސީގެ ރަސްމީ ނަންބަރުތައް ކަމުގައި ވެސް އެޗްޑީސީ އިން ބުންޏެވެ. އެހެންކަމުން އޮޅުވާލައިގެން އެޗްޑީސީގެ ނަމުގައި ކުރާ ރޯލުތަކަށް ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޑީސީ އިން މަސައްކަތް ކުރަމުން ގެންދަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްގެ އެގްރީމެންޓްތަކުގައި ސޮއިކޮށް ފްލެޓްތައް ހަވާލު ކުރާށެވެ.