ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުވުމާ އެކު، އެ ދެ ގާނޫނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި 300 އެއްހާ ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ހުކުރު ދުވަހުގެ ރޭ ގެނެސްދިން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިފްއާން އަހުމަދު އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮފްވަތު ރައޫފް ވިދާޅުވީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަމުންދާ މައްސަލަތައް ކަމަށާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބެލުމަށްޓަކައި ބައެއް ފުލުހުން ތަމްރީންކޮށްފައިވާ ކަމަށެވެ.

އެގޮތުން ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގާފައިވާނެ ކަމަށާއި އެ ޕްރޮގްރާމްތަކުން، ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހައި ފުލުހުން މިހާތަނަށް ތަމްރީނުކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.

އަދި އަލަށް އެކުލަވައިލި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު، ކުޑަކުދިންނާ ގުޅުންހުރި ތަފާތު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ފުލުހުންގެ ދައުރު ކުރިއަށްވުރެ ފުޅާވެ، އިތުރު ފަސޭހަތަކެއް ލިބިފައިވާކަމުގައި ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ރިފްރެޝާ ޕްރޮގްރާމްތައް ހިންގަމުންދާކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފުލުހުންނަަށް ތަމްރީނު ދެމުންދާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއި ޖަމްއިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދައި ފުލުހުން ތަމްރީނު ކުރަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރުމުގައި ބައެއް މީހުން މީސް މީޑިއާ ބޭނުންކުރަމުންދާ ކަމަށާއި މީސް މީޑިއާގައި އެ ފަދަ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ތަހުގީގު ކުރުމުގައި ދަތިތައް ދިމާވަމުންދާ ކަމުގައި ފުލުހުން ފާހަގަކުރެއްވިއެވެ.

އަދި މީސް މީޑިއާގައި ކުށްވެރިޔާގެ މައުލޫމާތު ހިއްސާކުރުމުން މައްސަލައިގެ ހެކި ގެއްލޭ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި މީސް މީޑިއާގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކޮށް ވިކްޓިމްގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ. އަދި ގިނަދުވަސްވެފައި ހުންނަ މައްސަލަތައް ހުށަހެޅުމުން އެ މައްސަލައެއްގައި އެކަށީގެންވާ ހެކި ނުހުންނަ ކަމަށާއި އެހެންކަމުން ކަމެއް ދިމާވުމުން ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގި ހުރެ އެކަން ރިޕޯޓު ނުކުރުމަކީ ކުށަކަށްވާ އިރު ކުޑަކުދިން ގްރޫމް ކުރުުމަކީވެސް ކުށެކެވެ.