މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

އަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރލަް އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން ނިންމީ އެމައްސަލަ ބެލެން ނެތް ކަމަށެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަރ ޖެނެރަލް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެގޮތަށް ކުރިއަށް ގެންދާ ޝަރީއަތްތައް ގާނޫނާ ހިލާފުވާނެ ކަމަށް ޕްރޮސެކިއުޓަރ އޮފީހުން އަންނަނީ ވިދާޅުވަމުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގައި ހައިކޯޓުގެ އެ ނިންމުން ބަލައިނުގަންނާތީ މިއަދުގެ ވަގުތެއްގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާނެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

އަލީ ވަހީދު ބޭސްފަރުވާއަކަށް ކަމަށް ބުނެ އިނގިރޭސިވިލާތައް ވަޑައިގެންނެވިތާ މިހާރު ހަތަރު މަސް ދުވަސް ވެއްޖެއެވެ. އޭނާ އެނބުރި ވަޑައިގަންނާނެ ދުވަހެއް ނޭނގެއެވެ. އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރި މުވައްޒަފުން ވަނީ ރައީސް ސޯލިހާއި ބައްދަލުކޮށް، އަލީ ވަހީދު ހިންގަމުން ގެންދިޔަ އަމަލުތަކުގެ ތަފްސީލްތައް ކިޔައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޔަހްޔާ

  މިސްޓަރ އިސްތިއުނާފް އާދީއްތަދުވަހުގެ ހަބަރު ހައްދަވައިފި. ކޮބާ މިއދު އޮތް އޑުއެހުމާ ގުޅިގެންވެސް އިސްތިއުނާފެއް އޮންނާނެތޯ؟

 2. ށަވިޔަނި

  ކޮންމެ ގޮތަކުން ވިޔަސް ތިމީހާގެ ސަރީއަތް ދިގުދަންމަންވާނެ.

 3. އުންސުރު

  ތިޔަ ފޮޓޯ ޖަހާފައި ހުރީމާ އަހާލާހިތްވަނީ ވެންޓިލޭޓަރުގެ މައްސަލަޔާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަހެއް ނެތީތޯ؟ އަދި އެމް.އެމް.ޕީއާރް.ސީގެ ހިޔާނާތާގުޅިގެން އެއްޗެކޭ ބުނުމެއް ނެތީތޯ؟ އެކަމާ ގުޅިގެން އަދިވެސް ގޮތެއް ނުނިންމާ ހަމަ ދިރާސާކުރުމުގައި. އެންމެ ފަހުވަގުތު ދައުވާނުފުލޭ ގޮތައްތޯ ނިމޭނީ؟

 4. ސަން

  ޕީޖީ ދެން ޑްރާމާ ކުޅުން ހުއްޓާލަން ވެއްޖެއެންނު. އެންމެންނަށް އެނގޭ ތީ ލިޔެވިގެން ކުރިއަށްދާ ތަމްސީލެއްކަން

 5. ަަަަަަަަަައަބުދު

  މިހާރު މިތިބަ ދިވެހިން އަމިއްލަ ނަފްސު ދެކެ ލަދުގަންނަންޖެހޭނެ

 6. ކާފަބޭ2020

  ކޮންނާޗަރަންގީއެއްކުޅޭކަށް ކީއްވެރެޑްނޯޓިސްނެރެއިންޓަޕޯލް މެދުވެރިކޮށްހައްޔަރުކޮށްގެންގެންނަންނުކެރިގެންތިޔައުޅެނީ؟ ބާކީ ދެއަހަރުތިޔަހެން އުންސުރާފަންސުރުދިމާނުވެދުއްވާލާ ! ވޯޓުލާދުވަސްކައިރިވީމަ ބޯޅަކިންކިރިމާފޮޅޭހެން ބަރިބަރިއަށް މަރުތަކާއިކޮރަޕްޝަނާއިރޭޕްކޭސްތަކަށް އިންސާފުހޯދަދޭވާހަކަ ކަރުންހަންދާވަރަށްގޮވާނަގާނެ! ތާލިޔާތާލިޔާތާލިޔާ!!!!!

 7. ބެއްޔާ

  ސިޔާސީ ޑްރާމާ. އެތިބީ ބޮޑުދެވަގުން. ސިޔާސީ މީހުން ވެރިކަމުގަ ތިބޭއިރު ޤާނޫނު އެމީހުންގެ މައްޗަކަށް ނުހިނގާނެ. ރައްޔިތުން ވާވައްދަން ކުޅޭ ޑްރާމާ