ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އާއި، އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން އާއި، ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހުމަދު ރަޝީދުއާ ދެކޮޅަށް އިންތިގާލީ އިންސާފުގެ އޮފީހަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކޮށްގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެންބަރުންގެ މައްޗަށް ހުކުމް ކުރި މައްސަލައެވެ. މި މައްސަލާގައި ހުކުމް ކުރި ބައެއް އެހެން ފަރާތްތަކުން ވެސް މީގެ ކުރިން މި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވެއެވެ.

ކުރިން ހުށަހެޅި ގިނަ މައްސަލަތަކުގައި އޮތީ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން މައާފަށް އެދޭށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު އުތުރު ދާއިރާގެ ނައިބު ރައީސް، ގ. އާކާޝްވިލާ އައިމިނަތު ޒާހިރާ ހުށަހެޅުއްވި މައްސަލާގައި ވަނީ މުހްތާޒްގެ އިތުރުން އާޒިމާއާއި ގާޒީ އަހުމަދު ރަޝީދު މައާފަށް އެދެން އަންގަން އެދިފައެވެ.

އޭނާ ހުށަހެޅި މައްސާލާގައި ވަނީ ރައީސް އޮފީހުގައި އިންނަވައިގެން އެ މައްސަލައިގައި ހުކުމް ޑްރާފްޓްކޮށް ކްރިމިނަލް ކޯޓަށް އާޒިމާ ފޮނުވި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހުމަދު ރަޝީދު އިއްވީ އާޒިމާ ފޮނުވި ހުކުމް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެހެންވެގެން އާޒިމާ އާއި ގާޒީ އަހުމަދު ރަޝީދު މައާފަށް އެދެން އޭނާ ހުށަހެޅި މައްސަލާގައި އެދިފައިވެއެވެ. ގާޒީ ރަޝީދު މިހާރު ހުންނެވީ ސިވިލް ކޯޓުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މުޒާހަރާކޮށްގެން ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް 14 އަންހެނެއްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވިއެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހަޅަން ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ އޮފީހުން ބަލަނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހިނގާފައިވާ މައްސަލަތަކެވެ.

އެއީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އޮފީހުގެ މަސައްކަތަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް އެ އޮފީހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ތި މައްސަލަ ހުސަހެޅީ އެމްޑީޕީ މެމްބަރެއްތޯ؟ އެމްޑީޕީ މެމްބަރެއް ވިއްޔާ ދައުލާ ލިބޭ ތިން މީހުން ޖަލަށް ދާން ތައްޔާރުވޭ، ޔަޤީނޭ އުންސުރާ ފަންސުރާ ދައުލާ ފޯރމް ހުޅުވާލާއިރައް ޕީޖީ މޫނަށް ބުރާވަރަށް ހުންނާނެކަން. އެެހެންވެ މީ ސަދޫމް ސަރިއްޔަތޭ ކިޔަނީ ރައްޔަތުން.

  2. ސސ

    ދެން މިޤައުމުގައި ކޮންމެ ރިޔާސީ ދައުރަކާއި އެކު އިންތިޤާލީ ޢަދުލުގެ ކަންކަން ވެސް ދާނެ !