ސަރުކާރުގެ އެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ. އެހެންކަމުން މިއަދުން ފެށިގެން އެއްވެސް ލިޔެކިޔުމެއްގައި ރެވެނިއު ސްޓޭމްޕް ޖަހާކަށް ނުޖެހޭއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލު 44 މެންބަރުންގެ ވޯޓުން ފާސްވެފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

"އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނަކަށްވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ހިނގާ ހަރަދާ އަޅާބަލާ އިރު ލިބޭ އާމްދަނީއަކީ ވެސް އެކަށީގެންވާ އާމްދަނީއަކަށް ނުވާ ކަމަށް ބުނެއެވެ.

އެ ގާނޫނުގެ ދަށުން ނަގަމުން އައި ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ނަގާ ފީ އާއި އެނޫން ވެސް ފައިސާގެ ޒަރިއްޔާ އިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށް ވެސް ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައިވެއެވެ.

މީގެ އިތުރުން، މި ގާނޫނުގެ ސަބަބުން އާންމުން އަދި ވިޔަފާރިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ސަބަބުތަކާ ހެދި، ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގުސަދުގައި ބިލް ހުށަހެޅީ ކަމަށް ވެސް އޭގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދުންމާރި

    މާތްކަލާކޯ ތީ އުފާވާވަރުގެ ކަމެއްނޫން ތިޔައީ ބޮޑު އަނިޔާއެއް މަކަރުވެރި ރޭވުމެއް އޮޅުވާލުމެއް ކުރީގަ 20 ރުފިޔާގެ ރެވެނިއު ސްޓޭމްޕް ޖަހަންޖެހޭ ލިޔުންތަކަށް ދެން ނަގާނެ 2000 ރުފިޔާ މީ މަކަރާހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ފޭރޭ ސަރުކާރެއް މީގެ ކުރިން ޓުރާންސްޕޯޓުން ހިލޭ ދެމުން އައި ޚިދުމަތަށް މިހާރު1000 ރުފިޔާ ނަގާ ދެން ތިޔަ ސްޓޭމްޕަށްވާނެގޮތް ވިސްނާލަބަލަ؟ ރައްޔިތުން އަތުން އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އެއްޗެއް ދަމައިގަންނަން ރާވާނީ ތިޔަ ސްޓޭމްޕް ވިއްކައިގެންވެސް ހާދަ ފައިސާއެއް ދައްލަތަށް ލިބެމުންދެޔޭ އެހާ ފައިސާ ދޫކޮށްލާނެތަ ސަހަލު ގޮތަކަލަށް؟؟؟؟؟

    13
  2. ލާރި

    ހުމްމްމް. ދެން ތީގެ ބަދަލުގައި އެހެން އެއްޗެއް ނުބުނެފިއްޔާ ރަނގަޅު

  3. ދުވަސް

    ޓެކްނޮލޮޖީ ޒަމާނެއްގަ ކޮން ސްޓޭމްޕެއްތަ.

  4. އިބްރާހީމް

    ދެން ސްޓޭމްޕް ގަނެގެން ޚިދުމަތުގެ ގޮތުގައި ވިއްކަމުން އައި މީހުން އަތުގަ ހުރި ސްޓޭމްޕްތަކަށް ފައިސާ ދޭކަށް ނުޖެހޭތޯ؟

  5. ތަސްނީމް

    ސްޓޭމްޕް ޖެިއަސް، ނުޖެހިޔަސް ކޮން އުފަލެއް އެއަށްވާ ފައިސާ ރައްޔިތު މީހާ އަތުން ނަގާ ގޮތަށް އޮތީ

  6. ނުރަބޯ

    ހޫނ ވަރަށް އުފަލުން ތިބޭ. ތިޔަ ފައިސާ އޭގެ 2 ގުނަ 3 ގުނަ ޖައްސާފަ ފޭރިގަންނާނެ.