ކޮވިޑް-19ގެ ގިނަ އަދަދެއްގެ ވޭދަަނަތައް ފެނުނު ގދ. ތިނަދޫގައި، އެ ބަލި ފެތުރެމުންދާތީ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

ތިނަދޫން މިހާތަނަށް 845 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އިއްޔެ އެރަށުން ފައްސިވީ 15 މީހެކެވެ.

ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ކަން ހާމަކޮށް، އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ.

  • ފުލުހުން ދޫކުރާ ޓައިމްބައުންޑް ޕާމިޓް ނަގައިގެން ބޭރަށް ނުކުތުމުގެ ފުރުސަތު ދިނުން
  • ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަ ފަރާތްތަކަށް ފަތިހު 5:30 އިން ފެށިގެން ހެނދުނު 06:30 އަށް ހުޅުވާލުން
  • މިހަފްތާގެ ބުދަ ދުވަހުން ފެށިގެން ފިހާރަތައް ހުޅުވުން
  • މަސްވެރިކަން ކުރާ ފަރާތްތަކަށް ކައުންސިލްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޭން ފެށުން
  • މަސް ދޯންޏަކުން މީހަކު ކޮވިޑަށް ފައްސިވެއްޖެ ނަމަ ތިނަދޫ ފަޅު ތެރޭގައި 14 ދުވަހަށް އެ ދޯންޏެއް ކަރަންޓީނު ކުރުން
  • ސިނާއީ މަސައްކަތްކުރާ ސައިޓުތަކަށް ކައުންސިލްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޭން ފެށުން
  • މިރެއިން ފެށިގެން ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރަން ފެށުން
  • ޖަމާއަތަށް ނަމާދަށް ދާ މީހުންންނަ ބަންގީގެ 15 މިނެޓު ކުރިން އަދި ނަމާދުގެ 15 މިނެޓު ފަހުން ފުލުހުންގެ ހުއްދައާ ނުލައި ބޭރަށް ނުކުތުމުގެ ފުރުސަތު ދިނުން

މިހާރު އެރަށުގައި ކޮވިޑް ޖެހިފައި ތިބި 218 މީހަކު އެބަތިއްބެެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ފެސިލިޓީގައެވެ.

އެރަށުން ކޮވިޑް ޖެހުނު 625 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން ފަރުވާދެމުންދިޔަ ދެ މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ.