ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަަމަށް އެމްޓީސީސީން ބުނެފިއެެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި މިހާރުވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންދާ އެމްޓީސީސީން ބުނީ، އެ ޕްރޮޖްކެޓްގެ މަސައްކަތުގައި ހިމެނޭ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޖުލައި ހަ ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދީފައިވާގޮތުގައި، މި މަޝްރޫއުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަށް 46.01 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.