މިއަދު ރާއްޖެ އިން އިތުރު 78 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 28 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ކޮވިޑަށް ފައްސިވީ 34 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 16 މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 6320 މީހުންް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.23 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 2496 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 18 މީހުންނަށެވެ. މިއަދަކީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

މިިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 26 ވަނަ ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ ހަވަނަ ދުވަހެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުރެ ޖެހިޖެހިގެން ހަދުވަސް ހޭދަވެފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދާއިރު، އީދު ބަންދަށް ރަށްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ވެސް ކޮވިޑް ނުފެތުރޭނެ ގޮތައް ކަންކަން ރާވަން އެޗްޕީއޭ އިން މިރޭ ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު