ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިންގި އިންކުއަރީގެ ރިޕޯޓް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އަރުވައިފިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީގެ މައްޗަށް އެކުލަވާލާފައިވާ ހަތަރު ފޮތުގެ ރިޕޯޓު އުއްތަމަ ފަނޑިޔާރަށް އަރުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި ރިޕޯޓް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އިއްޔެގެ ވަގުތެއްގައި އަރުވައިފައެވެ.

ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އާންމު ކުރީ ރިޕޯޓްގެ 236 ސަފްހާއެވެ. ރިޕޯޓްގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވެއެވެ.

މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމުކޮށްފައި ވަނީ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާ ހުންނާނެ ކަމަށް އިދާރާތަކުން ފާހަގަކޮށްފައިވާ މައުލޫމާތު އުނިކުރުމަށް ފަހުގައެވެ. އެކަމަކު ފަހުން އެ މައުލޫމާތު ހިމެނޭހެން ރިޕޯޓް ވަނީ މީސްމީޑިއާއަށް ލީކުވެފައެވެ. ރިޕޯޓް ލީކްވުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނެއެވެ.