ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑް ކޮލެޖުން އެ ސްކޫލް ގަނެ ހިންގުމާއި ހަވާލުވުމަށްފަހު އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރަން ބޭނުންވާ އިތުރު ހަތަރު ފްލައިޓެއް ރާއްޖެ ގެނެއުމުގެ މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އެވިޑުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ ފްލައިން ސްކޫލްގައި މިހާރު ހުރި އެއްވެސް އެއާކްރާފްޓް އެއް ބޭނުން ނުކުރެވޭ ކަމަށެވެ. އެ ހުރިހާ އުޅަނދެއްވެސް މަރާމާތު ކުރަން ޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ސްޕެއާ ޕާޓްސްތައް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުޝްރާގް ވިދާޅުވީ މިހާރު ހުރި އުޅަނދުތަކުގެ އިތުރުން ހަތަރު ފްލައިޓެއް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ފްލައިޓްތައް އަންނަ ސެޕްޓެމްބަރު މަހުގައި ރާއްޖެ ގެނެވިގެން ދާނެ ކަމަށާއި، އޮކްޓޯބަރު ހިސާބުގައި އުދުއްސޭވަރު ވާނެ ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ އެ ދަރިވަރުންނަށް މިކަން ވީ އަވަހަަށްކޮށް ނިންމައި ދިނުން. އަދި އެކުދިން ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދިނުން. ހުރިހާ އެންމެން މިވާހަކަތައް ދެއްކީ ސޯޝަލް މީޑިޔާގައި. އަމަލީ މައިދާނަށް ނިކުންނަން ނުކުރެނު އެކަކަށްވެސް. އަޅުގަނޑު ބޭނުންވީ ހާލުގައި ޖެހިފައިވާ އެކުދިން ވެއްޓިފައިވާ އަޑިގަނޑުން ނަގާ މި ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން" މުޝްތާގް ވިދާޅުވިއެވެ.

މިހާރު އޮތް ގޮތުން އެވިޑަށް އައްޑޫގައި ފްލައިން ސްކޫލް ނުހިންގޭނެއެވެ. އައްޑޫގައި ފްލައިން ސްކޫލް ނުހިންގުނު ނަމަވެސް ރާއްޖޭގައި ފުރުސަތު އޮތް އެހެން ދިމާއެއްގައި އެކަން ކުރިއަށް ގެންދާނެ ކަމަށް މުޝްތާގު ވިދާޅުވިއެވެ. އަދި މިހާރު އެކަމާއި ގުޅޭ ގޮތުން ސަރުކާރާއި އެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި ދަރިވަރުންނަށް އުފާވެރި ހަބަރެއް މި ހަފްތާ ތެރޭ ލިބޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.