އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ގައުމަށް ޚިދުމަތް ކުރައްވަން ބޭނުންވާތީވެ އެ ޕާޓީން މިއަދުން ފެށިގެން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގައި ނާޒިމް ހުންނެވި ދުވަސްވަރުގައި، އެ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމްގެ ފަރާތުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެ ސިޓީގައިވެއެވެ.

ނާޒިމްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. ނާޒިމް އިސްވެ އުފައްދަވާ ޕާޓީއަށް ރިޔާޒު ވެސް ގުޅިވަޑައިގަންނަވައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީއަށް ކިޔާނެ ނަމެއް އަދި ފާސް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނެ ނަމެއް ޔަގީން ކުރުމަށް ފަހު އެ ކަންކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދާދި އަވަހަށް އީސީ އަށް ޕާޓީ އުފެއްދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އޭނާއާ ވަރަށް އެކުވެރި ބައެއް މެންބަރުންނާ ގުޅިގެން އުފައްދަވާ ޕާޓީއެކެވެ. އެ ޕާޓީއަށް މި މެންބަރުން ސޮއި ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމެއް ނާޒިމް ވިދާޅެއް ނުވެއެވެ. މިހާތަނަށް ޖޭޕީން ވެސް ވަކިވެއްޖެ ކަން ހާމަކުރެއްވީ ނާޒިމާއި ރިޔާޒު އެކަންޏެވެ.

މީގެ ކުރިން ވެސް ނާޒިމްއާއި ރިޔާޒު ގުޅިގެން ޕާޓީއެއް އުފައްދާ ކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު އޭރު އެ ދެ ބޭފުޅުން ވެސް އެ ކަން ދޮގު ކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ނާޒިމަކަސް އިންސާފުން ކަންތައްތައްކުރޭ
    ތި ގޮނޑިންވެސް ފައިވާ
    ތިއީ ޤާސިމްގެ ބަތާކައިގެން ކިބިފައި އިން ގޮނޑިއެއް