ވަޒަންތަކެއް ފެނިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއޭއައިއޭ) އިން ހައްޔަރު ކުރި ފަތުރުވެރިޔާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 60 އަހަރުގެ އެ ފަތުރުވެރިޔާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ވީއައިއޭ އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނު 10 ޖަހާކަން ހާއިރުއެވެ.

ވަޒަން ފެނިފައި ވަނީ އެފްރިކާގެ ނެމީބިއާއަށް އުފަން ފަތުރުވެރިއެއްގެ ދަބަހުންނެވެ. އޭނާގެ އަތުން ވަޒަންތަކެއް ފެނުނީ ފަތުރުވެރިޔާގެ ސެކިއުރިޓީ ޗެކު ކުރަމުން ދިޔަ ވަގުތެއްގައެވެ.

މި މައްސަލާގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ ޓެރެރިޒަމްގެ ތުހުމަތުއެވެ. އެ ތުހުމަތު ތަފްސީލުކޮށްފައެއް ނުވެއެވެ.

މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނިިރުބަވެރި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ބޭރުގައި އާއި އެތެރޭގައި ސިފައިން ދަނީ ހަތިޔާރާ އެކު ފޯރިމަރަމުންނެވެ.

ރާއްޖޭގައި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.

ނިރުބަވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ މީސް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދޭ މީހުންގެ މައްސަލަތައްވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާއާއި، މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީރު

    ދިވެއްސެެއް ނަމަ މިހާރު އޭނާ ގެ ފޮޓޯ ޖަހައި އަނބި ދަރިން ތިބި ނަމަ ޢޭނާގެ އަނބި ދަރިން އޮރިޔާން ކޮށް މައިންބަފައިން ނިޔާވެފަ ތިބި ނަމަ އެމީހުން ގެ ކައްވަޅު ކޮނެ ގަބުރު ފުލުހަށް ގެން ގޮސް ޕްރެސް ޖައްސާ ގަބުރުގެ ފޮޓޯ ތައްލައި ކަންތައް ކުރީސް، މީ ވަރަށް ނުބައި ވެރިން ތަކެއް!!