ބިދޭސީންގެ ކަންތައްތަކުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ ތަމްރީނު ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބުނާ ގޮތުން ވަޒީފާދޭ ފަރާތްތަކުން އައްޔަން ކުރާ، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" ފުރިހަމަ ކުރަން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނުގައި ބުނީ، އެ ގަވާއިދުގެ ޖަދުވަލު އެކެއްގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީން "ސެޓްފިކެޓް އިން އެމްޕްލޯއިމެންޓް އިންޓަމީޑިއަރީސް ކޯސް" ފުރިހަމަކޮށް ސަނަދު ހޯދުމުގެ ފުރުސަތު، ގައުމީ ޔުނިވާސިޓީއާ ގުޅިގެން ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީވެ ސިސްޓަމް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭ ރިޕްރެޒެންޓޭޓިވްސްގެ ތެރެއިން 10 ބިދޭސީންނަށްވުރެ ގިނަ ބިދޭސީންގެ ކަންތައްތައް ބަލަހައްޓާ ހުރިހާ ރިޕްރެޒެންޓޭޓިވްސްއަށް، އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން އެކްސްޕާޓް މެދުވެރިކޮށް ހިދުމަތް ދެވޭނީ ކޯސް ފުރިހަމަކޮށް ސަނަދު ލިބުމުންނެވެ.

އެ ކޯހުގެ މުއްދަތަކީ ހަ މަހެވެ. ކޯހުގެ ފީ އަަކީ 600 ރުފިޔާއެވެ. އެގްޒާމް ފީގެ ގޮތުގައި ނަގަނީ ސެޓްފިކެޓަށް 200 އެވެ. އިއްޔެއިން ފަށައިގެން ކޯހުގައި ބައިވެރިވާން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މުއްދަތު ހަމަވާނީ މި މަހުގެ 24 ގައެވެ. ކޯސް ފަށާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ލިޔެކިޔުމެއް ބިދޭސީން ގަވާއިދަށް ފެއްތުމަށް އިކޮނޮމިކް މިނިސްޓްރިން ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަނީ މިނިސްޓްރީގެ ޕްރޮގްރާމްގައި ރަޖިސްޓްރީވެފައެވެ. މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެކަން އޮތީ މިހާރު މަޑު ޖެހިފައެވެ. ކޮވިޑް ލޮކްޑައުން ތެރޭގައި ސަރުކާރުން ވަނީ ލިޔެކިޔުމެއް ނެެތް ބިދޭސީންގެ ތެރެއިނަށް އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީފައެވެ.