ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެމްޑީޕީގެ ޑީލްއެއް އަދި ލިބިފައި ނުވާ ކަމަށް އިިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ވަގުތު" އާއި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރައީސް ޔާމީން ކުރިން ތާއީދުކުރެއްވި ނަމަވެސް ރައްޔިތުންގެ ނިންމުމަށް އެމަނިކުފާނު އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެ ނިންމުމާއި ދެކޮޅަށް، ބަރުލަމާނީ ނިޒާމެއް ގެނެއުމަށް އެމްޑީޕީން ކުރާ މަސައްކަތަށް އެއްބާރުލުންދިނުމަށް ޝަރުތުކޮށް ރައީސް ޔާމީން މިނިވަން ކުރަން އެއްވެސް ޑީލެއް އަދި އެމްޑީޕީން ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވިގޮޮތުން އެފަދަ އެއްވެސް މަޝްވަރާއެއް އެމްޑީޕީއާއި ޕީޕީއެމްއާއި ދެމެދު ހިނގާފައެއް ނުވެއެވެ. އެހެންނަމަވެސް އެފަދަ ހުށަހެޅުމެއް ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ޑީލްއެއްގެ ދަށުން ރައީސް ޔާމީން މިނިވަންކުރަން އިދިކޮޅު ގިނަ މެމްބަރުން ބޭނުން ނުވާތީ އަދި އެ ހުށަހެޅުމާއި މެދު ވަކި ގޮތެއް ނުނިންމާ ކަމަށްވެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ މިފަދަ ޑީލްއެއް އިދިކޮޅަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. ބަރުލަމާނީއަކަށް ދާން ރައީސް ޔާމީން އެއްބަސްވާ މަތިން އެމަނިކުފާނު މިނިވަން ކުރަން މި ޑީލްގައިވާ ކަމަށް އެ ބޭފުޅުންވެސް ފާހަގަކުރައްވައެވެ. އަދި އެފަދަ މަޝްވަރާތަކެއް އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ މެދުގައާއި، ލީޑާޝިޕްގެ ބޭފުޅުންނާއިއެކު ކުރެވިފައިވާ ކަމަށް "ވަގުތު" އާއި ވާހަކަދެއްކެވި ދެ ޕާޓީގެ ބޭފުޅުންވެސް ވިދާޅުވެއެވެ.

މި ޑީލްއަށް އެއްބަސްނުވެވިގެން އުޅެނީ ދަށު ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދެ ދައުވާ އުފުލާފައި ވާތީ ކަމަށް މައުލޫމާތު ލިބެއެެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެ ކަން ކުރާނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ތާއީދު ވެސް ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް މީގެ ދެމަސް ކުރިން "ސީއެންއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މީގެ ދެހަފްތާ ކުރިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ޕީޕީއެމަކީ ބަރުލަމާނީ ނިޒާމާ ބީރަށްޓެހި ޕާޓީއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ ރައީސް ޔާމީން މިނިވަންކޮށްފި ނަމަ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ފަހުން "ސަންގު" ޓީވީގެ ޕްރޮގްރާމެއްގައި ވަނީ ޑީލްއެއްގެ ދަށުން ރައީސް ޔާމީން މިނިވަންކުރަން ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފްވެސް ވަނީ ބަރުލަމާނީ ޑީލްގެ ދަށުން ރައީސް ޔާމީން މިނިވަން ކުރަން ބޭނުން ނުވާ ކަމުގައި ވިދާޅުވެފައެވެ. އަދި ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށާއި، ޕީޕީއެމް ޕީއެންސީ ވެސް އެ މަޝްވަރާއަށް ނުދާނެ ކަމުގައި ވިދާޅުވެފައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ އިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ. އިތުރު ދައުވާތަކެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ވަނީ ފޮނުވައިފައެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. މާފުށީ ޖަލުގައި ހުންނަވާތާ 500 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮވިޑް

  ޑީލްހަދައިގެން ރައީސް ޔާމީން މިނިވަން ވުމުން އެ މަނިކުފާންގެ މިހާރު އެދައްކަވާ ސާބިތުކަން ގެއްލުނީ. އެހެން ވެއްޖެނަމަ ރައީސް ޔާމީން އަށް އޮތް ތާއީދު ދަށަށް ދިއުން އެކަށީގެންވޭ ، ބޭނުން ވަނީ ﷲ ގެ ވާގިފުޅާ ހެޔޮ ރަޙުމަތް ފުޅާއެކު އެނަިކުފާން ސަލާމަތް ވުން.

  4
  1
 2. ޒަބީބު

  ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގެ ކުރީކޮޅު ނަޝީދުގެ ގޮތް ރައްޔިތުންނަށް ސާފުވެ ރައްޔިތުން ވަނީ އޭނާ އަށް ނޫނެކޭ ބުނެ ނަޝިދު އިންތިއުފާ ދިނުމަށް ބުނެ ޚުދު ނަޝީދު ލައްވާ އިސްތިފާގެ ސިޓީ ރައްޔިތުން ކުރިމަތީގައި ލައިވް ޓީވީގައި ލިއުއްވާ ނަޝީދު ވެރިކަމުން ދުރުކޮށްފަ. ރައީސް ޔާމީނު ގެ ވެރިކަމުގެ މެދެއްހާ ހިސާބުން ޔާމީންގެ ގޮތް އެނގި ރައްޔިތުން ވަނީ ޔާމީން އިސްތިއުފާ ދިނުމަށް ގޮވާފަ. ނަމަވެސް ދައުރު ނިމެންދެން ޔާމީނު ވެރިކަމުގައި ހުރި. އެކަމަކު ހުރެވުނީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި، މަޖިލިސް މެމްބަރުންނާއި، ފަނޑިޔާރުންނާއި ސިޔާސީގޮތުން ކިރިޔާވެސް ބަހެއް ބުނެވޭވަރު މީހެއް ހުރެއްޖެއްޔާ ޖަލަށްލައިގެން. އަދި ރައްޔިތުންގެ މަޖިލިސް އާއި ފަނޑިޔާރުގޭގެ ބާރު ކަނޑުވާލައިގެން. ނުވީތާކަށް ސްޓޭޓް އޮފް އިމަރޖެންސީ އިއުލާނޮ ކޮށް ރައްޔިތުންގެ މިނިވަންކަން ވެސް ނިގުޅައިގަނެގެން. އެހެން ނަމަވެސް ރައްޔިތުން ނުކުމެ ރައްޔިތުންގެ ވޯޓުގެ ބާރުދައްކާ ޔާމީން ވެސް ވަނީ ވެރިކަމުން ދުރު ކޮށްފައި.

  ވީމާ ރައްޔިތުން ނޫނެކޭ ބުނެފައިވާ ރާއްޖޭގައި ކުރިން ވެރިކަން ކޮށްފައި ތިބި މީހުންގެ ތެރެއިން އެކަކަށްވެސް ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ދެން އާދެވޭނެކަމަކަށް ނުފެނޭ. ވީމާ އެފަދަ ސިޔާސީ މީހުންނަށް ވެރިކަމަށް އާދެވޭނެ ހަމައެކަނި ގޮތަކަށް އޮތީ ރައްޔިތުންގެ ވޯޓަކާއި ނުލައި ވެރިކަމަށް އައުމަށް ބަރުލަމާނީ ނިޒާމުން ކޮށައިދޭ މަގުން ވެރިކަން ހޯދުން.

  ވީމާ ޔަމީން އާއި ނަޝީދުއާއި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ޑީލްވެސް ހަދާނެ. ބައިއަތުވެސް ހިފާނެ. އަދި އެކުގައި މަސައްކަތްވެސް ކުރާނެ. އެކަމަކު ދެމީހުން ކުރެ އެކަކުވެސް އަނެކަކަށް އިތުބާރެއް ނުކުރާނެ. ޑީލް ހަދާނީ ދެމީހުންވެސް ހިނގަން އޮތީ އެއް މަގު ކަމުގައި ވާތީ އެމަގު ކޮށަން އެކަނި. މީގެ ކުރިން ވެސް ނަޝީދު އާއި ޔާމީން އެކުގައި ޑީލް ހެދި. އެކަމަކު ދިނީ ކެހި، ލިބުނީ ލަނޑު.

  މިދެމީހުންގެ ޑިލްގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ނިކަމެތިކަން. ދިވެހިންގެ ބިންވެސް ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ޑީލުގެ ދަށުން ޤާނޫން އަސާސީ ވެސް ބަދަލުކުރީ އަދި ވެރިކަމަށް ކުރިމަތިލުމުގެ އުމުރު ވެސް ހިފެހެއްޓީ. މީ ހުސް މިމީހުންގެ ޑީލުން ދިވެހިންނަށް ދިން ގެއްލުން.

  2
  2
 3. ޝުކުރިއްޔާ

  މި ކަމުން ވެސް އެބައެނގޭ އެއްނުން ރައީސް ޔާމީން އަ ކީ މައުސޫމް ބޭފުޅެއް ކަން.

  5
  1