ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދާ ޕާޓީއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ނާޒިމްއާއި އޭނާގެ އެކުވެރިޔާ އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގުޅިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މި މަސައްކަތާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ތަފާތު ތުހުމަތުތައް ކުރައްވަމުން ވާހަކަ ދައްކަވައިފައެވެ.

ޝިޔާމް ވިދާޅުވީ އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން ކުރައްވާ ކަމެއް ކަމަށެވެ. އެކަމަކު އެއީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން އުފައްދަވާ ޕާޓީއެއް ކަމަށް އާންމުން ކައިރީ ކިޔަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯލިޝަންގެ ވަގުތީ ލީޑަރެއްގެ ގޮތުގައި ހުންނެވި އަދުރޭ "ވަގުތު" އަށް ވިދާޅުވީ އެފަދަ ވާހަކަތަކެއް ފެތުރެމުންދާ އަޑު އޭނާއަށް ވެސް އިވިވަޑައިގަންނަވާ ކަމަށާއި އެކަމަކު ރައީސް ޔާމީން އެފަދަ އިރުޝާދެއް ނުދެއްވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީއާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނުވަތަ ޝައުގުވެރިކަމެއް ވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގައި ނެތް ކަމަށެވެ.

"ނާޒިމް އުފައްދާ ސިޔާސީ ޕާޓީއަކާ އެކު، އިދިކޮޅު ދެ ޕާޓީ ކުރާނެ މަސައްކަތެއް ނޯންނާނެ، އެ ޝައުގެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.

އާ ސިޔާސީ ޕާޓީ އުފެއްދުމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ ޕާޓީ އުފައްދަން ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާނެ ކަމަށެވެ. އެ ޕާޓީއަށް މަޖިލީހުގެ ބައެއް މެންބަރުން ސޮއި ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

އެކަމަކު އެ އާ ޕާޓީ މި ސަރުކާރަށް ތާއީދު ކުރާނެ ކަމެއް ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އަދި ނޭނގެއެވެ. އެހެން ވިޔަސް ނާޒިމް އަކީ މިހާތަނަށް ވެސް ރައީސް ސޯލިހް ތާއީދު ކުރައްވާ ގޮތަށް މަޖިލީހުގައި ވަރަށް ގިނައިން ވޯޓު ދެއްވާފައިވާ މެންބަރެކެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    އަދުރޭއަކީ ޕީޕީއެމްގެ ހަލާކު

    5
    14
    • ހައްގުބަސް

      ދެން އެކަމާ ކަލެއާ ކޮން ބެހޭ ކަމެއް. ކަލޭ ލޮލަށް ނިދި ނާރައިގެން ތި އުޅެނީ ކޮންކަމެއް ވެގެން

      1
      2