ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރެވެ.

ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި އެ ޒުވާނާގެ ބޮލަށް އަނިޔާވިއެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ އެ މައްސަލާގައި އެރަށު ދެ މީހެއް ކަމަށްވާ މުޢާޒް ޢަލީ އާއި މުޙައްމަދު އާދަމްގެ މައްޗަށް ދައުވާކޮށް އެރަށު ކޯޓަށް ހުށަހަޅާފައި ވާ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި އިތުރު ބަޔަކުވެސް ފުލުހުން ހައްޔަރުކުރިއެވެ.

ޝަފީއު ވިދާޅުވީ، އެ މައްސަލައިގެ ތުުހުމަތުކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާޢީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ ބައި ފުލުހުންނަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.