ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގެންނެވިކަމުގައި ވިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކީ ސިޔާސީ ގޮތުން ދެން ނުހުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި ރައީސް އާއި ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށެވެ.

އެ މެސެޖުގައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދަކީ ނަޝީދުގެ ދެބައިންގެ ދެދަރި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހްއާއި ނަޝީދުއާ އާއިލީ ގުޅުން އޮންނަ ކަމަށާއި އެމަނިކުފާނުގެ ދަރިން ރައީސް އަށް ގޮވަނީ 'އިބޫ ދޮންބޭ' އޭ ކިޔައި ކަމަށެވެ.

"އެކަމް ދެން ރައީސް އާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް. އެމްޑީޕީ ބައެއް މީހުން ހިތް ހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއިދު ކުރާނަމަ، އެބޭފުޅުންގެ އެހީއަށް އެދޭނެ ކަމަށެވެ.

އެހެން ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ނަޝީދު ބޭނުންފުޅުވާ ކަމެއް ލިޔުއްވާފައެއް ނެތެވެ. މީގެ ކުރިން ނަޝީދު ވަނީ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަކީ ނަޝީދުގެ އަމާޒެކެވެ. ވެރިކަން ކުރާނެ ނިޒާމު ކަނޑައަޅަން 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދުއާއި ޔާމީން ވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ. އޭރު ޔާމީން ހުންނެވީ ޕީއޭ ކިޔާ ޕާޓީއެއް އުފައްދައިގެންނެވެ.

އެކަމަކު ޔާމީން ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވީ، މިހާރު ޔާމީން ހުންނެވީ އެ އަހަރު ރައްޔިތުން ނިންމެވި ނިޒާމު ކަމުގައިވާ ރިޔާސީ ނިޒާމާ އެކު ކުރިއަށް ދާން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ރަބަރޭ

  ތިޔައުޅެނީ ވެ ރިކަމަށް ދަހިވެތި ވެގެންް ގައުމުގައި ފިތުނަ އުފައްދަން

  16
 2. ޖާރިޔާ ހިސާން

  ވަޒީރުކަމައް ނާދެވިގެން ހިމާރު ތެޅި ބާލަނީ.

 3. Anonymous

  ކަލޯ ގުޑގުޑު މާބޮޑައްވެސް ލައިފި ސާރިދޯޅު. ލާދީނީ އޮޑި ފެތުނީ ފެތުނީ

 4. ޝައުކާ ސޯލިހު

  ނަޝީދު އެހެންވިއްޔާ އަމިއްލަ ޕާޓީއެއް ހަދަން ދާންވީނުން.

 5. Anonymous

  އެކުގަ އުޅެވޭ ބޭފުޅެއް ނިކަން ވިދާޅުވެބަލަ.

 6. ހާބުރި

  ނުބައި އެއްޗެއް އަބުރަން ވެގެން 2މީހުން ގުޅިގެން ކުރާ ކަމެއް! ޔާމިނު ދެނެ ހުރި ކަމެއް ވެސް ނޫން.

 7. ތަންޑާ

  ވެރިކަން އިންޑިއާ ހައި ކޮމިޝަނާ ހަވާލުކުރަންވީ ދޯ. ދެން ކައޭ ޔޫކޭގަ ހުރެގެން އިންޑިއާ ސަފީރު ލައްވައި ރާއްޖޭގެ ވެރިކަން ކުރާނީ. އެހެންނު؟ ހަނދާން ނައްތާލާ...އެމްޑީޕީގެ ސައިޒު މިހާރު ވަރަށް ކުޑަ..އިބޫއާއެކު ބާކީ މިއޮތް ދެ އަހަރު ރައްޔިތުން ތިބޭނެ. އޯކޭ ބްރަދާ..

 8. ބަރުގޮނު

  ކައުންޓް އޮފް ދަ މައުންޓް ކުރިސްޓޯ (މަަޝްހޫރު އިޑްމޯންޑް) ވާހަކާގައި ބަންޑާރަ ނައިބު މޮޔަވެގެން އުޅުނުގޮތް ހަދާންވޭ ....