ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުކޮށް ގަދަކަމުން ތަހުގީގް ކުރިއަށް ގެންދަން ފުލުހުން އުޅޭ ކަމަށާއި، އެހެންްވެ މުވައްކިލު ހައްގު ހިމާޔާތް ނުކުރެވޭތީ ވަކީލުން ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލުވެފައިވާކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައި ވަނީ 14:00 އަށެވެ. ބެލެވޭ ގޮތުގައި ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީ ވ.އާރަށުގެ މައްސަލައިގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް، މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާންނަގައި ނިމިފައިވާ މައްސަލައެއްގައި އަނެއްކާވެސް އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް އުޅުމުން، އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި، އަދި، އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ‏ދިނުމަށް އެދުމުން ވެސް އެފުރުސަތު ދީފައިނުވާ ކަމަށެވެ.

އެހެންްވެ މުވައްކިލު ހައްގު ހިމާޔާތް ނުކުރެވޭތީ ވަކީލުން ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލުވެފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ވެސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ.އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެމައްސަލަައިގައި ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. ދައުވާ އުފުލުމަށް ފަހު އަނެއްކާ އެމައްސަލައިގައި ޔާމީނާއި ފުލުހުން ސުވާލު ކުރަމުން ގެންދަނީ ކީއްވެކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައި ވަނިކޮށް އަނެއްކާ ވެސް ޔާމީން ފުލުހަށް ހާޒިރުކޮށް އެމައްސަލައިގައި ސުވާލު ކުރާތީ ވަކީލުން ވަނީ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.