ރަހީނުކޮށް، މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ކަށު ނަމާދު މިއަދުގެ މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

އެކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުން މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހާދިސާއާއި ގުޅިގެން ކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމުން ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.

އެކުއްޖާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ.

ފުލުހުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ކުރިއެރުންތަކަށް ބަލާއިރު، ފުލުހުން ވަނީ މި ހާދިސާއާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް މިމަހު 7 ވަނަ ދުވަހު ވަނީ 13 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.