ފްލޫ ކްލިނިކަށް ދެއްކި މީހަކު ހިމެނޭހެން ގދ. ތިނަދޫން އިތުރު ހަތް މީހަކު ކޮވިޑް-19 ފައްސިވެއްޖެއެވެ.

އެރަށުން މިއަދު ފައްސިވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި މިހަކާއި، އަދި ފައްސިވި މީހަކާއި ގާތުން އެއްތާވި ހަ މީހެކެވެ. މިއާއެކު އެރަށުން ކޮވިޑަށް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 853 އަށް އަރާފައެވެ.

އެރަށިން އަދިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ދަށަށް ނުދެއެވެ. އެރަށުގައި ކޮވިޑް ފެތުރެން ފެށިތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކޮންމެ ދުވަހަކު ކަހަކަ ގޮތަކަށް އެތައް ބަޔަކު ފައްސިވަމުން ދެއެވެ.

މިއަދު ފައްސިވި މީހުންނާއެކު މިހާރު އެރަށުގައި ޖުމްލަ 189 މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެއްވެސް މީހަކަށް ފެސިލިޓީގައި ފަރުވާދެމުންނުދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ތިނަދޫއަކީ މިހާރު އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ކޮވިޑް ފެތުރެމުންދާ އެއް ރަށް ނަމަވެސް، ކޮވިޑާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

ތިނަދޫން ކޮވިޑް ގައި މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.