ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ނެޝަލަން ސެކިއުރިޓީ ކައުންސިލާ ހިއްސާކޮށްފިއެވެ.

ސެކއިުރިޓީ ކައުންސިލްގެ މެންބަރުންނާ ރިޕޯޓް ހިއްސާކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މި ކަންކަން އިސްލާހު ކުރުމުގައި އަމަލުކުރާނީ ކިހިނެތްތޯ އާއި، މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި ވަނީ މަޝްވަރާކޮށްފައެވެ.

އިންކުއަރީ ރިޕޯޓް ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ވެސް ވަނީ އަރުވައިފައެވެ. އިއްޔެ ރައީސް ސޯލިހާ ރިޕޯޓް ހިއްސާކުރެއްވުމުން އެމަނިކުފާނު ވަނީ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އާންމު ކުރީ ރިޕޯޓްގެ 236 ސަފްހާއެވެ. ރިޕޯޓްގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވެއެވެ.

މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމުކޮށްފައި ވަނީ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާ ހުންނާނެ ކަމަށް އިދާރާތަކުން ފާހަގަކޮށްފައިވާ މައުލޫމާތު އުނިކުރުމަށް ފަހުގައެވެ.

އެކަމަކު ފަހުން އެ މައުލޫމާތު ހިމެނޭހެން ރިޕޯޓް ވަނީ މީސްމީޑިއާއަށް ލީކުވެފައެވެ. ރިޕޯޓް ލީކްވުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނެއެވެ.