ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި "ހިޔާ" ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާންސްފޯމަރުތަކަށް ސްޓެލްކޯ އިން އިއްޔެ ކަރަންޓު ގުޅައިދީފިއެވެ.

ޓްރާންސްފޯމަރުތައް ބަހައްޓައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏަކާއެވެ. އެ މަސައްކަތް ނިމުމުން ހިޔާގެ 16 ޓަވަރަށާއި އިތުރު އެއް ޓްރާންސްފޯމަރާ އެކު ޖުމްލަ 17 ޓްރާންސްފޯމަރަށް ސްޓެލްކޯ އިން ވަނީ ކަރަންޓު ދީފައެވެ.

ސްޓެލްކޯ އިން އިއްޔެ ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަލައިޒް ކުރެވި، މިހާރު ވަނީ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކުރެވިފައި ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އިރު، 6،720 ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލު ކުރުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެފައެވެ.

އެ ފްލެޓުތައް ލިބުނު ފަރާތްތަކާ ހަވާލުކުރަން މާދަމާއިން ފެށިގެން ކުރިޔަށްދާއިރު، ކަރަންޓުގެ މަސައްކަތް އެއްކޮށް އަދި ނުނިމެއެވެ. ނަމަވެސް ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށް މިހާރު މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލައިދެވޭ ދުވަހުން ފެށިގެންނެވެ.