މިހާރު ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ނިހާންގެ މައްސަލަތައް މިއަދު ހެނދުނު 9:00 އަަށް ތާވަލު ކުރުމަށް ފަހު، ކެންސަލްކުރީ، އޭނާގެ ވަކީލުންގެ އެދުމުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ނިހާންގެ މައްސަލައިގެ އަޑުއެހުން ތާވަލް ކުރުމަށް ފަހު މީގެ ކުރިން ވެސް ދެދުވަހަކު ޝަރީއަތް ކެންސަލް ކޮށްފަިއ ވެއެވެ. ފުރަތަމަ ދުވަހު ޝަރީއަތް ކެންސަލް ކުރީ ލިޔެކިޔުންތައް ނުލިބިގެންނެވެ. ދެވަނަ ދުވަހު ޝަރީއަތް ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ކަރަންޓީންގައި ހުންނެވުމުންނެވެ.

ނިހާންގެ މައްޗަށް ދައުލަތުން ހަދައުވާއެއް އުފުލާފައި ވަނީ ވިލިމާލޭ ދާއިރާގެ މެންބަރަކަށް ހުރިއިރު އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ހިފާފައިވާތީ އާއި އަދި އޭގެ އިތުރުން ވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ރިޝްވަތު ހިފާފައި ވާތީއެވެ. ނިހާންގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެއް އުފުލާފައެވެ.

ނިހާންގެ މައްސަލައިގައި ކުރިން ވެސް އަޑުއެހުންތަކެއް ބާއްވާފައިވެ އެވެ. ނަމަވެސް، އަދި ކުރިއަށް ގެންދަނީ ޝަރީއަތް ފެށުމުގެ ކުރިން އޮންނަ އިބްތިދާއީ މަރުހަލާ އެވެ.

އޭނާގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި އޭރު ހުންނެވި އަދީބު މެދުވެރިވެގެން އެސް.އޯ.އެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީއެވެ.

އަދި ރިޝްވަތު ހިފުމުގެ ކުށުގެ ދެވަނަ ދަޢުވާއަކީ 2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ގާތު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ތިން ވަނަ ދައުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، މެންބަރުކަމުގެ ހަައިސިއްޔަތު އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބް އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އެ އަދަދަށް އަދީބު ފައިސާ ދިނުމުން އެ ފައިސާގައި ހިފާފައިވާތީއެވެ.

ނިހާންގެ މައްޗަށްކުރާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބުދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެން ޖެހޭ ހާލަތުގައި، އަދީބާއި މެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަތުމުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާތަކަކީ، 2014 ގައި ޕީޖީ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރު އަދީބު އަރިހުގައި އެދިވަޑައިގެންފައިވަތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހުރިހާ ޝަރީއަތެއްވެސް ހަމަ އިންސާފުން ކުރިއަށް ގެންދަންވީ، އެކަމަކު މައްސަލައަކީ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ރިޝްވަތު ފައިސާ އެއިރު މަޖިލިސްގައިތިބި އެމްޑީޕީ މެމްބަރުންނާއި މަޖިލިސް ބޭރުގައިވާ އެމްޑީޕީގެ ބައެއްމީހުންވެސް ބޭނުންކޮށްފައިވާއިރު ހަމައެލަނި ރ.ޔާމީނު އާއި ޕީޕީއެމް މެމްބަރުންނަށް ޝަރީޢަތްކޮށް ދަޢުވާކުރުމުގެ ސަގާފަތެއް ގެންގުޅޭތަން ފެންނަނީ މިއީތޯ އެމްޑީޕީ ވެރިކަމަށް ކޭމްޕެއިންކުރިއިރު އިންސާފުން ޝަރީއަތްތައް ހިންގާނެލަމަށް ވަޢުދުވި ގޮތަކީ؟؟؟