ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަން އެމްޑީޕީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު، ނަޝީދަށް "ސާބަސް" ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް، ނަޝީދަށް ސާބަސް ވިދާޅުވެފައި މިވަނީ އިދިކޮޅާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދު އިއްޔެ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރާ ބޭފުޅެއް ނަމަ އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު މި މަހުގެ ހަ ވަނަ ދުވަހު ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދަށް ދުވަހަކު ވެސް ވެރިކަމަށް ނާދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި ކަމަށާއި، އެ ފަހަރު ރައްޔިތުން ރައީސް ނަޝީދަށް ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަޝީދުގެ މިވާހަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެ ކޯލިޝަނުން ރައީސް ނަޝީދާއި އެކު ދުވަހުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސިޔާސީ މަސައްކަތްތަކުގައި ޔާމީނާއި ޕީޕީއެމްގެ އެހީ ހޯއްދަވާނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވިއިރު ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގައި ޔާމީންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިދިޔަ ހަފުތާގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހާ ފިކުރު ދިމާނުވާ ކަމަށާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ނަޝީދު މި ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ހިންގި އިންކުއަރީގައި، އެ ހަމަލާ ހިނގަން މެދުވެރިވުމުގައި ގިނަ ގޯސްތަކެއް ހެދިފައިވާކަން އާއްމުކޮށްފައި ވަނިކޮށެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ނަޝީދު އިސްވެ އިދިކޮޅު ކޯލިޝަނަށް ވަނީ ޑީލްއެއް ހުށަހަޅައިފައެވެ. އެ ޑީލްގައި ވަނީ ބަރުލަމާނީ ނިޒާމަކަށް ދިއުމަށް އިދިކޮޅުގެ ތާއީދު ލިބިއްޖެނަމަ ޔާމީން މިނިވަން ކުރާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މައި މަގްސަދަކީ ޔާމީން މިނިވަންކޮށް 2023ގެ ރިޔާސީ ރޭހުގައި ވާދަކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް ވާއިރު މި ޑީލްގެ ދަށުން އެމަނިކުފާނު މިނިވަން ކުރަން އިދިކޮޅުގެ ބައެއް މެމްބަރުން ބޭނުންވި ނަމަވެސް ޑީލްއެއްގެ ދަށުން އެމަނިކުފާނު މިނިވަންކުރަން އިދިކޮޅުގެ ގިނަ މެމްބަރުން ބޭނުން ނުވެއެވެ. އެއީ ދަށުކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ މައްސަލަ ކުރިއަށް ދާތީ ކަމަށްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙހހހ

    ނަޝީދަށް މިހާރު ރަނގަޅުވާނީ ތިލަފުށި ގޮނޑު ، ޕީޕީއެމުން ނަޝީދު އާއި ބައިއަތުނނުހިފާތި ، އެދުމެއް އޮތަސް އެއީ ބައިއަތުހިފަންޖެހޭވަރު މީހެއްނޫން ، އޭނައާއި ބައިއަތުހިފާފިނަަ އަހަރެމެން ރައީސް ޔާމީނަށް ކުރާ ތާއީދު ގެންދާނަން. ޥެރިކަންވެސް އަދިބޖަލުންވެސް ރ.ޔާމީނަށް ނުކުމެވިދާނެ ، އެކަމަކު ނަޝީދުއާއި ބައިއަތު ހިފަން ނުވިސްނާތި ، އެއީ ސީދާ ކަތުރުފަނީ ، އާދޭހާއެކު ޕީޕީއެމް ވެރިންނަށް ގޮވާލަން ނަޝީދަށް ނޫނެކޭބުނާތި

    11
    1
  2. ކާފަބޭ2020

    😆😆☹☹😆😆😆😆😆😆😆ހަލާކުވެއްޖެ ދެންއިތުރަކަށްޖާގައެއްނެތްހަމަ😆😆😆😆😆😆😆😆😆ދޯ؟

  3. ފަޅޯނިއްކުރި

    ޖަމީލު ކަލޭތީ މީހުނަށް ސާބަސް ކިޔޭވަރުމީހެ އްނޫން.

    4
    3
  4. ޢބދ

    ޖަމީލުމެން ދެން ރަނގަޅުވާނީ "ބޫޑިމޭރޭ ލޮލް" ކަން ރަށައްދިޔައިމަ މިހާރު އައްނި ރީތި ރަނގަޅު ދީންދެކެ ލޯބިވާމީހަކައްވީ .!!!!!!!؟؟؟؟؟؟؟ އެހެންކަމައް ވަންޏާ ޖަމީލު އިއްޔެއާ ހަމަޔަށްވެސް ދެއްކީ ދޮގު ތާކުން ތާކުނުޖެހޭ ފަސާދައިގެ މުނާފިގު ވާހަކަތާ.