އޮޑިޓަ ޖެނެރަލްގެ މާގަމަށް ހުސައިން ނިޔާޒީ އައްޔަން ކުރައްވައި މަގާމުގެ ލިޔުންކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރުވައިފިއެވެ.

ހުސައިން ނިޔާޒީއަށް އޮޑިޓަ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

‏ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ‌‌‏ހުސައިން ނިޔާޒީ ‏ކުރައްވައި، ‌‌‏ހުވައިގެ އިޤްރާރުގައި އޭނާ ސޮއި އިކުރެއްވިއެވެ. ‏

ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ނިޔާޒީ ވަނީ އިންޑިއާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ވެސް ހާސިލް ކުރައްވައިފައެވެ.

ނިޒާޔީއަކީ އޮޑިޓަ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވަން ދެން އޭނާ ހުންނެވީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މާގަމުގައެވެ.

ނިޔާޒީ ފުރުއްވި މަގާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ އިތުރުން، އޮޑިޓް މެނޭޖަކަމުގެ މަގާމާއި، އެސިސްޓަންޓް އޮޑިޓަ ކަމުގެ މަގާމުވެސް ހިމެނެއެވެ. މީގެ އިތުރުން ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ.

އަދި، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއާޕާސަން ވެސް މެއެވެ. މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަގާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމު ހުސްވެގެން ދިޔައީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ.

ދައުރު ވެސް ހަމަވާން ގާތްވެފައިވަނިކޮށް ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެއެވެ. އެކަމަކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ނެންގެވިއިރު އެއީ ޚިޔާނާތުގެ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ. ފައިސާ ނެންގެވީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށެވެ.