ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ކޮވިޑް ޖެހުނީ އުމުރުން 61 އަހަރުގެ އަންހެނަކަށެވެ. ރޯގާގެ އަލާމާތްތައް ހުރެގެން އޭނާ ސުންކު ނެގި އިރު، ފަރުވާ ދެމުން ދިޔައީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އީރާރުގައެވެ.

އެމީހާ އީއާރަށް ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ވަނީ ފައްސިވި މީހާއާއި އޭނާގެ އާއިލާ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ވޭދަނައާ ގުޅިގެން ކުޅުދުފުށި ސިޓީ އަށް ވަކި ޚާއްސަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން އެރަށް އެންމެ ފަހުން ބަންދު ކުރީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެރަށް ބަންދުކުރީ، އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެ ބޯޓުން އިތުރު ފަޅުވެރިންތަކަކާއި، މާލެ ދަތުރުކުރާ އެރަށު އެހެން ބޯޓެއްގައި މަސައްކަތް ކުރާ ފަޅުވެރިންތަކެއްވެސް ކޮވިޑަށް ފައްސިވިއެވެ. މިއާއެކު އެރަށުން ގިނަބަޔަކު ކޮވިޑަށް ފައްސިވިއެވެ.

އާންމު ހާލަތަށް ރުޖޫއަވުމުން ކުޅުދުއްފުށި ހުޅުވާލީ 19 ދުވަހަށްފަހު ޖޫން 28 ގައެވެ. އޭގެފަހުން މިއީ އެ ސިޓީއިން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާއެވެ.